ފަންސާސް އެއް އަހަރުގެ ބޮލީވުޑް ދީވާ މަދޫރީ ޑިކްސިޓް އަކީ އޭނާގެ މޮޅު ނެށުމާއި އެކްޓުކުރުމުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.
ކައިވެނިކުރުމަށްފަހު ދަރިން ލިބުމުން މަދޫރީ ވަނީ ފިލްމު ކުޅުމާ ދުރަށް ޖެހިލައިފައެވެ. އޭނާގެ ފިރިމީހާ އަކީ ޑޮކްޓަރެއް ކަމުން އިންޑިއާއިން ބޭރަށް ވަޒީފާ އަދާކުރުމަށް މުޅި އާއިލާ ބަދަލުވީއެވެ. ނަމަވެސް މިހާރު މަދޫރީމެންގެ އާއިލާ އެނބުރި އިންޑިއާއަށް އައުމާއެކު، އޭނާވެސް ވަނީ ބޮލީވުޑަށް ނުކުމެފައެވެ.
މިހާރު މަދޫރީ މަސައްކަތް ކުރަމުން އަންނަނީ ފިލްމު ކަލަންކްގަ އެވެ. އެ ފިލްމުގައި މަދޫރީއާއެކު ސަންޖޭ ދަތް، ވަރުން ދަވަން، އާލިޔާ ބަޓް ފެނިގެންދާނެއެވެ.
ފިލްމުގެ ޕްރޮމޯޝަން ތަކުގައި މަދޫރީގެ ސްޓައިލިޝްކަން ފެނި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. މަދޫރީގެ އުފާވެރި ހިނިތުންވުމާއި އުޖާލާ މޫނު އަންނަނީ ގިނަ ބައެއްގެ ހިތް އަތުލަމުންނެވެ.
ފިލްމްފެއާ އިން މަދުރީ ކައިރީ އޭނާގެ ރީތި ކަމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރިއެވެ. މަދޫރީ ބުނީ އޭނާ ސިނގިރޭޓް ނުބޯކަމަށާއި ރާވެސް ނުބޯކަމަށެވެ. އަދި ކެއުމަށް ވަރަށް ބަލާ ކަމަށާއި ގަވައިދުން ކަސްރަތުވެސް ކުރާކަމަށެވެ.
މީގެ އިތުރުން ނެށުމަކީވެސް އޭނާގެ ރީތި ކަމުގެ ސިއްރެއްގެ ގޮތުގައި މަދޫރީ ފާހަގަ ކުރިއެވެ. މަދޫރީ ބުނީ އޭނާ އަބަދުވެސް ނަށާ ކަމަށާއި އެހެން މީހުން ކައިރީވެސް ނެށުމަށް އެދޭކަމަށެވެ. ނެށުމަކީ މީހާ ނަފްސާނީ ގޮތުން ދުޅަހެޔޮ ކޮށްދީ މީހާ ޕޮޒިޓިވް ވާކަމެއް ކަމަށާއި އަދި ނެށުމަކީ އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށްވެސް މަދޫރީ ފާހަގަކުރި އެވެ.
ދުވާލަކު ފަސް ފަހަރު ކެއުމާއި، ގަވައިދުން މޫނު ދޮވެ ސާފު ކުރުމުގެ އިތުރުން މަދޫރީގެ ޒުވާންކަން އަދި ރީތިކަން ދެމިގެންދަނީ އޭނާ ސިއްހަތާއި ހަށިގަނޑަށް ސަމާލުކަންދީ ޑިސިޕްލީން ވެސް ވެގެން ކަމަށް މަދޫރީ ފާހަގަކުރި އެވެ.