ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އަހުލާގީ އަދި ދީނީ ވާޖިބެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
ފަލަސްތީނަށް ހާއްސަކުރެވުނު މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުސްލިމުންގެ ހައިސިއްޔަތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު އަދާކުރަން ޖެހޭ އަހުލާގީ ވާޖިބުތަކެއްވާ ކަމަށެވެ.
"ފަލަސްތީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުއާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލަންޖެހެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާ ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަހުލާގީ އަދި ދީނީ ވާޖިބެކެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި އިސްލާމީ ސަގާފަތާއި އުންމަތުގެ ހަޟާރަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަން ކަމަށާއި އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުސޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުން ކަމަށެވެ.
"..ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ. މުސްލިމުންގެ އަދަދު ކިތަންމެ ގިނަ ނަމަވެސް، ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތްތަކުގައި އުފެދިއްޖެ ނަމަ، މުސްލިމުން ބަލިކަށިވެގެން ދާނެތެވެ. މުސްލިމުންނަށް ނަސްރު ލިބުން އޮތީ އަގީދާ ވަރުގަދަކޮށް ހައްގު ގޮތުގައި ﷲ އަށް އީމާންވެ، ގުރުއާނާއި ސުންނަތުގައި ހިފައިގެންނެވެ. އެކުވެރިވެ އެއްބައިވަންތަވެގެންނެވެ. ހަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެންނެވެ. އަޅުގަނޑުމެންގެ ހަޔާތުގައި އިސްލާމްދީން ގާއިމުކޮށްގެންނެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ޣައްޒާއާއި ރަފާހާއި ފަލަސްތީނުގެ އެނޫން ވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ އުދުވާނީ އަމަލުތަކަކީ ފަލަސްތީނުގެ ނަސްލު ނައްތައިލުމަށްޓަކައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި އެ ހުރިހާ ޖަރީމާތަކެއް ހިންގަމުން އެ ގެންދަނީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފުގެ ހަމަތަކާއި މުޅީން ހިލާފަށް ކަމަށެވެ.
އެ އުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ޝަހީދުކުރަމުންދަނީ ކުޑަކުއްޖަކަށް، އަންހެނަކަށް، މުސްކުޅިއަކަށް ބެލުމެއްނެތި ކަމަށާއި އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށެވެ. އަދި އެތައް ބަޔަކު ނުކުޅެދޭ ބަޔަކަށް ވެފައިވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ވަނީ އެ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ އަނިޔާވެރި އުދުވާނީ އަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލައިފައެވެ.