އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.
މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިރޭ އެ ތިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ފާސްކުރީ ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ކޮމިޓީގައި 11 މެންބަރަކު ހިމެނިވަޑައިގަންނަވާ އިރު، މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނުވަ މެންބަރުންނެވެ. ނުވަ މެންބަރުންގެ ތެރެއިން، އެ ތިން މިނިސްޓަރުންނަށް ރުހުން ނުދޭން ފެންނަ ކަމަށް ވޯޓު ދީފައިވަނީ އެންމެ މެންބަރެކެވެ.
ކޮމިޓީގެ މުގައްރިރު ވޯޓު ދިން ގޮތް ތަފުސީލު ކޮށްދެއްވާފައެއް ނުވެއެވެ. ކޮމިޓީން އެ ތިން މެންބަރުންނަށް ރުހުން ދިނުމަށް ފާސްކުރުމުން، ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.
ތިން މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.
އެ ތިން މިނިސްޓަރުންނަކީ މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން މިނިސްޓަރުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ނުލިބުނު ނަމަވެސް، އެ ތިން މެންބަރުން އަލުން ހަމަ އެބޭފުޅުން ތިއްބެވި މަގާމުތަކަށް އައްޔަންކުރައްވައިފައެވެ.
އެއަށްފަހު އެބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯއްދެވުމުގެ މައްސަލަ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، އެކަމަށްޓަކައި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ ވަނީ އެ މައްސަލަ ދިރާސާކުރެއްވުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާލުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.