ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފިއެވެ.
ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަސް އިންދުމުގެ ޕްރޮގްރާމު ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އޭގެ ތެރެއިން ސްޓެލްކޯގެ ޕްރޮގްރާމުގެ ދަށުން ފަސް ލައްކަ ގަސް އިންދާނެއެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 30 ރަށެއްގައި ގަސް އިންދުމަށް ވަނީ ހަަމަޖެހިފައެވެ. މިއަދު ތުލުސްދޫގައި އިންދީ ރުއް ގަހެވެ. އަދި ކުރިއަށް ހުރި އެ ޕްރޮގްރާމުގައި ރާއްޖޭގައި ނެތިގެންދާ ގަސްތަކާއި ކަނާގެ ބައެއް ބާވަތްތަކުގެ ގަސްތައް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ގަސް އިންދުމުގެ ޕްރޮގްރާމު ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސްޓެލްކޯއާއި ތިމާވެއްޓާ ހުރި މުހިންމު ގުޅުމާއެކު ސްޓެލްކޯގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބުމަށް ނޭދޭތީ ކަަމަށެވެ.
"މިއަދު ކުރިއަށްގެންދަނީ ގަސް އިންދުމުގެ ފެށުން. ގަސް އިންދާ ރަށްތަކާއި ގަސް އިންދާ ތަފްސީލު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރާނެ. މިއަދު ސްޓެލްކޯގެ ބެލެނިވެރިކަމުގެ ދަށުގައިވާ 30 ރަށެއްގައާއި މާލެ ސަރަހައްދުގައި ސްޓެލްކޯގެ ފަރާތުން ގަސް އިންދުމުގެ ޕްރޮގްރާމުތައް ވަނީ ފަށާފައި. ޖުމުލަ ގޮތެއްގައި ގާތްގަނޑަކަށް 27،000 ގަސް އިންދިގެންދާނެ. މިއަދު އިންދާ ގަހުގެ ފައިދާ އަޅުގަނޑުމެންނަށް ފަހަރެއްގައި ނުކޮށްފާނެ ނަމަވެސް މިއަދު އިންދާ ގަހުގެ ފައިދާ ކުރާނީ އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް. މުސްތަގުބަލަށްތަކައި ކުރެވޭ އިންވެސްޓެއްގެ ގޮތުގައި މި ދެކެނީ،" ފަހުމީ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިލު އިދާރާގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމުގެ ދަށުން ސްޓެލްކޯއަކީ ހަމައެކަނި ދުންއަރުވާ ތަނެއް ނޫންކަން ދައްކުވައިދޭ ކަމަށާއި ސްޓެލްކޯއަކީ ގައުމުގައި އަރުވަމުންގެންދިޔަ ދުންތައް ހުއްޓުވައި ގައުމަށް ފިނިކަން ގެނެސްދޭ އަދި ގައުމަށް ފައިދާކުރާނެ އެތައް ކަމެއް ކުރާނެ ކުންފުންޏެއް ކަމަށެވެ.
"ގަސް އިންދި ކަމުގައިވިޔަސް ގަސް ބެލެހެޓުމަކީ ކުޑަ ކަމަކަށް ވެގެންނުދާނެ. މިއަދު ގަސް އިންދާފައި ހުއްޓާލާނީކީ ނޫން. ގަސްތައް ބެލެހެއްޓުމުގައި ތުލުސްދޫގެ އިސްވެރިންގެ މެދުގައި މީގެ ކުރިންވެސް ތިން ބައްދަލުވުމެއް ބައްވައި ގިނަ މަޝްވަރާތަކެއް ކުރެއްވި. މިކޮޅުގައި އެބައޮތް ނުވަ މުއައްސަސާއެއް. އެ ނުވަ މުއައްސަސާ ގުޅިގެން މި މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެންމެންނަށް އަރުވަން. ބޭނުމަކީ ތުލުސްދޫ ފެހި ރަށަކަށް ހަދައި ފެހި ތަނަކަށް ހެދުން،" އަސްލަމް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގެ ދަށުން ތުލުސްދޫގައި 5000 ގަހާއި 1000 ރުއްގަސް އިންދުމަށް ވަނީ ހަަމަޖެހިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ސްޓެލްކޯގެ އިސްވެރިންގެ އިތުރުން މާލެ އަތޮޅު ކައުންސިލުގެ ރައީސް އަސްލަމް މޫސާ އާއި ކައުންސިލު މެންބަރުން އަދި ތުލުސްދޫ ރައްޔިތުންނާއި ސްކޫލު ދަރިވަރުން ބައިވެރިވިއެވެ.