އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރާ ނަމަ، އެމެރިކާއިން ރާއްޖެއަށް ދެމުން އަންނަ އެހީތައް ކަނޑާލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބިލެއް ހުށަހަޅުއްވަން ނިންމަވައި މަސައްކަތް ފައްޓަވައިފިއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' އިން ބުނީ، އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުން ހުއްޓުވުމުގެ މަގުސަދުގައި ބިލެއް ހުށަހަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާއެވެ.
އެކްސިއޯސިން ބުނި ގޮތުގައި، ގޮތެއިމާ ހުށަހަޅުއްވާ ބިލަށް ދީފައިވާ ނަމަކީ "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް (ޕާތް)" އެވެ.
ގޮތެއިމާ އެކްސިއޯސްއަށް ވިދާޅުވެފައި ވަނީ އެމެރިކާގެ އެންމެ އަރިސް އެއް ގައުމުކަމުގައިވާ އިޒްރޭލުގެ ހުރިހާ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމި ނިންމުމަކީ ޔަހޫދީންނާ މެދު ރުޅިވެރިކަން އުފެއްދުމުގެ އަމަލެއް ކަމަށާއި އެއީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެ ނިންމުން (އިޒްރޭލު ޕާސްޕޯޓް ބޭންކުރަން ނިންމުން) ބަދަލު ނުކުރާހާ ހިނދަކު އަހަރެމެންގެ ޓެކްސް ފައިސާއިން ބައި ސެންޓު ވެސް އެ ގައުމަށް ދެވިގެން ނުވާނެ. އިޒްރޭލުގެ ރައްޔިތުން ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" ގޮތެއިމާ ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއިން ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ގެ މާލީ އެހީތެރިކަން ރާއްޖެއަށް ވަނީ ދީފައެވެ.