ފޮރިން މިނިސްޓްރީ

ލަންކާގެ ރެޒިޑެންސް ވިސާ ދެން ދޫކުރާނީ ރާއްޖެއިން: ފޮރިން މިނިސްޓްރީ

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ހައްދަންޖެހޭ "ރެޒިޑެންސް ވިސާ" މީގެފަހުން ދޫކުރާނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިންނަށް ބޭނުންވާ ރެޒިޑެންސް ވިސާ ރާއްޖެއިން ދޫކުރަން ފަށާނީ މިމަހުގެ 15 އިން ފެށިގެން ކަމަށެވެ.

އަދި މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ވިޒިޓް ވިސާ ލިބޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ މިބަދަލު ލަންކާއިން ގެނައީ އެގައުމު މިހާރުއޮތް ހާލަތަށް ބެލުމަށްފަހު ލަންކާ ސަރުކާރުން ކަމަށެވެ.

މިކަމުގެ ސަބަބުން މިވަގުތު ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ވިސާގެ މުއްދަތު ހަމަވުމުން ވިސާ އާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެގައުމުގައި އުޅޭ ކޮންމެ މީހަކުވެސް ރެޒިޑެންސް ވިސާ ހައްދަންޖެހޭނީ އެމީހަކު ނިސްބަތްވާ ގައުމަކުން ކަމަށް ލަންކާއިން ވަނީ ކަނޑައަޅައިފައެވެ.

މިކަމާ ގުޅޭގޮތުން މިވަގުތު ލަންކާގައި ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ރެސިޑެންޓަލް ވިސާއަށް މިގެނެވުނު ބަދަލުތަކާއި އަދި މިނޫންވެސް ބައެއް ކަންބޮޑުވުންތަކާ ބެހޭގޮތުން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންގްހަ އާއި ލަންކާގެ ލީޑަރުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ.

އަދި މިކަމުގައި އެދެވޭ ރަނގަޅު ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.