ޚަބަރު

އައިޔޫއެމުން 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ

މުހައްމަދު އިޝާން

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދާ "ސަނާބިލް" ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަން ހުޅުވާލައިފިއެވެ.

ސުކޫކު ވިއްކަން ނިންމައިފައިވާކަން އައިޔޫއެމުން އިއުލާންކުރީ އިއްޔެ އެ ޔުނިވާސިޓީން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އައިޔޫއެމުން އެ ރަސްމިއްޔާތުގައި އިޝޫކުރީ އެއް މިލިއަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކެވެ.

އައިޔޫއެމް ސުކޫކުގައި އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސުކޫކަށް ސަބްސްކްރައިބް ކުރެވެން ހުންނާނެ ކަމަށް އައިޔޫއެމުން ބުންޏެވެ.

"ސަނާބިލް" އިމާރާތަކީ އަށް ފަންގިފިލާގެ އިމާރާތަކެވެ. އެ އިމާރާތުގައި އޮޑިޓޯރިއަމާއި، ހޯލާއި، ލެބޯޓްރީތަކާއި، ކްލާސްރޫމްތައް އަދި އޮފީސް ޖާގަތައް ހުންނާނެއެވެ. އަދި އެ އިމާރާތުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެއެވެ.