ޚަބަރު

ކަދުރު ބެހުމުގެ މަސައްކަތް ކައުންސިލަށް، ކަދުރު ބަހަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް

މަރިޔަމް ޝަހުދާ

ކަދުރުބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓަރީން ހަވާލުކޮށްފައިވަނީ ސިޓީ ކައުންސިލަށް ކަމަށާއި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަހަރު އަރަބި ގައުމުތަކުން ރާއްޖޭގެ ރައްޔިތުންނަށް ރޯދަމަހު ބެހުމަށް ހަދިޔާ ކޮށްފައިވާ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންނަށް ކަމަށެވެ. އެގޮތުން މާލޭގައި އުޅޭ ރައްޔިތުންގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަދުރު ޕެކެޓު ދެވޭނީ ގޭބިސީގެ ސައްހަކަން އަންގައިދޭ ލިޔުމެއްގެ އިތުރުން ކަދުރާއި ހަވާލުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ގެނައުމުން ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ އަންނަ ފަރާތަކަށް އިސްކަންދޭ އުސޫލުން ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ. މިމަހު 12 ފެށިގެން ކަދުރު ހުސްވަންދެން ބެހުމަށް ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ. އެގޮތުން ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ސެކްޝަނުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެނދުރު 12:30އަށް ކަދުރު ބެހުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ރޭގަނޑު ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 9:00ން 10:30 އަށެވެ. ހޮނިހިރު ދުވަސްތަކުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން 12:00 އަށެވެ.