އުތުރު އެފްރިކާގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ޗާޓަރު ފްލައިޓުތަކެއް ފަށަން ތައްޔާރު ވެއްޖެއެވެ.
ޗާޓަރު ފްލައިޓުތަކެއް ފަށަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އިނަ މޯލްޑިވްސް އިންނެވެ.
އެ ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު ފޭސްބުންގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ އޯގަސްޓް މަހު ޗާޓަރު ދަތުރުތަކެއް ފަށަން ތައްޔާރުވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބައްސާމް އާދަމްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
"މި މަސައްކަތްތަކުގެ ބޭނުމަކީ އުތުރު އެފްރިކާގެ މާކެޓު ބައިވެރިކޮށް، ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުން،" ފިރާގު ވިދާޅުވިއެވެ.
އުތުރު އެފްރިކާގައި ހިމެނެނީ އަލްޖީރިއާ އާއި މިސްރާއި ލިބިޔާ އާއި މޮރޯކޯ އާއި ސުދާން އާއި ޓިއުނޭޝިއާގެ އިތުރުން ވެސްޓާން ޝަހަރައެވެ.
އެމްއެމްއޭއިން އާންމު ކުރާ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ފުރަތަމަ ހަމަހުގައި ރާއްޖެއަށް ދަތުރުކުރި ޝެޑިއުލް ފުލައިޓުތަކުގެ އަދަދަކީ 5،378 ފުލައިޓެވެ. ޗާޓާޑް ފުލައިޓުތަކުގެ އަދަދަކީ 604 ފުލައިޓެވެ.