ޚަބަރު

ސަފީރުންގެ ގޮތުގައި ޕާކިސްތާނަށް ތޯހާ، ތުރުކީއަށް އަބްރުއްރަހީމް އައްޔަންކުރަން ފޮނުވައިފި

އިބްރާހިމް ޒަކީ

ރާއްޖޭން ތުރުކީއަށް ކަނޑައަޅާ ފުރަތަމަ ސަފީރުކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، ގ. ކަނޑިތޮޅިއާގެ އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ތޯހާ، އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެެވެ.

އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ސިފައިންގެ ހިދުމަތުގައި 39 އަހަރުގެ ހޭދަކުރެއްވުމަށްފަހު، 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އެޕްރީލް 18، ގައެވެ.

އަބްދުއްރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުން ވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓާ ފޯ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވި ތޯހާއަކީ ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވައިގެން މިދިޔަ މެއި މަހު މަޖިލީހުން ރުހުން ދެއްވާފައިވާ ބޭފުޅެކެވެ. ނަަމަވެސް މިފަހަރު މަޖިލީހަށް ފޮނުވާފައިވަނީ ސައޫދީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ ބަދަލުގައި ޕާކިސްތާނަށް އައްޔަން ކުރެއްވުމަށެވެ.

މުހައްމަދު ތޯހާ އަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީ ފެކަލްޓީ އޮފް ޝަރީއާ އިން ޑިގްރީ ހާސިލްލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތޯހާ މިހާރު ގެންދަވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ޕީއެޗްޑީ ހައްދަވަމުންނެވެ.

މި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު، މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވިއެވެ.