ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ދިވެހިންގެ ތެރޭގައި ފެނުކެއްކި ގުޅައަކީ ވަރަށް މަގުބޫލު އެއްޗެކެވެ. ހާއްސަކޮށް ރޯދަމަހު ކޮންމެ ދުވަހަކުވެސް ރޯދަ ވީއްލާއިރު، ސުފުރާ މަތީ ފެނުކެއްކި ގުޅަ ކޮންމެހެންވެސް ހުންނަން ބޭނުންވާ މީހުން މިހާރުވެސް މަދެއް ނޫނެވެ. ގުޅައިގައި ހުންނަ މީރު ރަހަ އެނގޭނީ ގުޅަ ފެނުކެއްކުމުންނެވެ. ގުޅަ ތެލުލުމުން މަސްގަނޑުގައި ހުންނަ މީރު ރަހަ މަޑުވާނެއެވެ.
ފެނުކެއްކި ގުޅަ ހެދުމަށް ބޭނުންވާނެ ތަކެތި:
2 ލާހި ގޮދަން ފުށް
1 ކާށި ހުނި
1 ގަނޑު ވަޅޯ މަސް
2 ލުނބޯ
3 ފިޔާ
2 ލޮނުމެދު (ގާނާފައި)
1 އިންޗި އިނގުރު ( ގާނާފައި)
1 ގިތެޔޮ މިރުސް
ހިކަނދިފަތް، ރީނދޫ، ލޮނު
ތައްޔާރުކުރާނެ ގޮތް:
ކާށި ހުނިން އެތިކޮޅެއް އަޅައިގެން 1/2 ސަމުސާ ލޮނު ޖަހައިގެން ފުށްގަނޑު މޮޑެލާށެވެ. ފުށް މޮޑޭނީ ހިހޫ ފެން އަޅައިގެންނެވެ.
ދެން މަސް، ފިޔާ، ހިކަނދިފަތް، ގިތެޔޮ މިރުސް، ތުނިކޮށް ކޮށާށެވެ. ކޮށާފައި ހުރި އެއްޗިހީގެ ތެރެއަށް ލުނބޯ ހުތާއި ލޮނު ޖަގައިގެން މޮޑޭށެވެ. މަސްގަނޑު މޮޑޭއިރު އިނގުރާއި ލޮނުމެދު އަދި ކުލަ ހިފާވަރަށް ކުޑަ ރީނދޫކޮޅެއް ލާށެވެ.
ރަނގަޅަށް މޮޑެލުމަށްފަހު ރަހަ ހެޔޮވަރު ކުރާށެވެ. ރަހަ ހެޔޮވަރު ވުމުން މޮޑުނު ފުށްގަނޑުން ކުޑަ ފުށްކޮޅެއްގެ ތެރެއަށް މަސްކޮޅެއްލުމަށްފަހު ގުޅައެއްހެން ވަށްކޮށް ހަދާށެވެ.
ގުޅަތައް ހަދައި ނިމުމުން ތެއްޔަކަށް ހަތަރު ޖޯޑު ފެން އަޅައި އޭގެ ތެރެއަށް ކުޑަ ލޮނުކޮޅެއް ލާފައި އުނދުންމައްޗަށް އުދާށެވެ. ފެންގަނޑު ކެކިގަތުމުން އޭގެތެރެއަށް ގުޅަތައް އަޅާށެވެ. މަޑުގިނީގައި ހަތް މިނެޓް ވަންދެން ކެއްކުމަށްފަހު ފެން ހަރުނުލާ އެއްޗަކަށް ގުޅަތައް ނަގާފައި ބަހައްޓާށެވެ.
ފެނުކެއްކި ގުޅައަކީ ތެލުގެ ބާވަތްތައް ބޭނުން ނުކުރާ މީހުންނަށް ވަރަށް މުހިންމު އެއްޗެކެވެ. މިވައްތަރުގެ ގުޅައަށް ބައެއް މީހުން ''ފެނު ގުޅަ'' ވެސް ކިޔައި އުޅެއެވެ.