ޚަބަރު

މާލޭގައި ކުށްކުރުން އިތުރުވެފައިވަނީ ގިނަ ކުށްވެރިންތަކެއް ދޫކޮށްލުމުން: ޝިފާން

1

މާލޭގައި ކުށްކުރުން އިތުރުވެފައިވަނީ ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާތީ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝިފާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކައަކީ ހަގީގަތެއް ކަމަށެވެ.

ނަމަވެސް ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައަށް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކުށްވެރިން ދޫކޮށްލީ އެ މީހުންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއްނެތި ކަމަަށާއި، ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ރޭވުންތެރިކަމާއެކު ކުރިން މަސައްކަތްތައް ކުރެވިފައި ނެތުމުގެ ސަބަބުން މި މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން މިހެން ވިދާޅުވެފައިވާ އިރު، މާލެ ސަރަހައްދުގައި ވައްކަމުގެ މައްސަލަތައް އިތުރުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

އެގޮތުން، މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލައިގެ ތަހުގީގުގެ ތެރެއިން އުޅަނދުތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ނެޓްވޯކެއްވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮޅުވާލައިގެން މީހުން ގެންގޮސް ރަހީނުކޮށް ފޭރުމުގެ މައްސަލަތަކެއްގައިވެސް ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟