އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހި އެ މީހާ މަރުވި މައްސަލައިގައި ހައްޔަރުކުރި ލޯންޗު ކެޕްޓަންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ލޯންޗު ދުއްވަން އިން ކައްޕި ފުލުހުން ވަނީ އިއްޔެ ހައްޔަރު ކޮށްފައެވެ. އެ ލޯންޗަކީ އިއްޔެ ހެނދުނު މާމިގިލިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ލޯންޗެކެވެ.
އެ ހާދިސާގައި މަރުވީ ފ. ފީއައްޔަށް ނިސްބަތްވާ 'ޓްވިންސް' ނަމަކަށް ކިޔާ ދޯންޏެއްގެ ބަންގްލަދޭޝް ފަޅުވެރިއެކެވެ. އެ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް އޮތީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.
ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ދޯނީގެ މީހުން އެ ސަރަހައްދުގައި ފާނަ މަސްވެރިކަން ކުރަމުން ދިޔައީ ބާސްކެޓުގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަވެސް ނަގައިގެންނެވެ.
ދަނގެތީ ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު "ވަން" އަށް އިއްޔެ ވިދާޅުވީ، އެ މީހާ މޫދުން ނަގައިގެން ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އޭނާގެ ބޮލުން ފެށިގެން ފޫޅާ ހަމައަށް ކަފައިގެން ގޮސްފައި އޮތް ކަމަށްވެސް ވިދާޅުވިއެވެ.
"މޭމަތި އެއްކޮށް ގޮސްފައި އޮތީ. (ހަށިގަނޑު) ވައްކަތް ނުވޭ،" މުއާވިޔަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހާދިސާ ހިނގި ސަރަހައްދަކީ މާލެ ދަތުރުކުރާ ލޯންޗުތަކުން އާންމު ގޮތެއްގައި ދުއްވާ އުޅޭ ސަރަހައްދެއް ކަމަށާއި އެއީ ފާނަ މަސްވެރިކަންވެސް ކޮށް އުޅޭ ސަރަހައްދެއް ކަމަށް ބުންޏެވެ.
ދަނގެތިން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، އެ މީހާ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައީ މަރުކަޒުގެ އެމްބިއުލާންސްގައި ކަމަށާއި އެމްބިއުލާންސް ތެރޭގައިވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށެވެ.
އަދި އެ މީހާގެ ގައިގައި ޖެހުނު ލޯންޗު ދަތުރުކުރި ވަގުތަކީ އިރު އަރައިގެން އައި ވަގުތު ކަމުން އިރުގެ ދޯދިތަކުގެ ސަބަބުން އެ ސަރަހައްދުގެ މޫދުގައި ބަޔަކު ތިބިކަން ލޯންޗު ދުއްވަން އިން ކައްޕިއަށް ނޭނގުނީ ކަމަށް ވެދާނެ ކަމަށްވެސް އެ މީހާ ބުންޏެވެ.