ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.
ރެއާލުން ޗެމްޕިއަންސް ލީގު ހޯދުމުގެ ރެކޯޑު އިތުރަށް ދަންމާލީ މިރޭ ވެމްބްލީގައި ކުޅުނު ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްގެންނެވެ.
މިރޭގެ މެޗަށް ނުކުތްއިރުވެސް ތާރީހު ބުރަވެފައި އޮތީ ރެއާލް ކޮޅަށެވެ. އެޓީމަކީ ޗެމްޕިއަންސް ލީގުގައި ރަސްކަން ކުރަމުން މިއަދާ ހަމައަށް އައި ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމެވެ. މިރޭ މެޗުގެ ކުރިންވެސް ރެކޯޑު 14 ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ރެއާލުގައި ތިބީވެސް މުބާރާތަށް ފަރިތަ ކުޅުންތެރިންނެވެ. މީގެ ކުރިން އެއް ފަހަރަށްވުރެ ގިނަ ފަހަރު ރެއާލްއާއެކު ޗެމްޕިއަންސް ލީގު ހޯދާފައި ތިބި ކުޅުންތެރިންވެސް ޓީމުގައި ގިނައެވެ. އެ ތަޖުރިބާއަށް އިހުތިރާމުކޮށްގެން އަނެއްކޮޅުން ނުކުތީ 1997 ވަނަ އަހަރަށްފަހު ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓަށް އިންތިޒާކުރަމުންދާ ބްރޫޝިއާ ޑޯޓްމަންޑެވެ. ޑޯޓްމަންޑަށް ލީގުގައި އެންމެ ރަނގަޅު ސީޒަނެއް ނޫން ނަމަވެސް، ޗެމްޕިއަންސް ލީގުގައި އެޓީމުން މި ސީޒަނުގައި ތަފާތު ރޫހެއް ދެއްކިއެވެ.
ރެއާލުން ފައިނަލަށް ނެރުނު ފުރަތަމަ 11 ގައި އެންމެ ބޮޑަށް ފާހަގަވީ ގޯލްކީޕަރު ތީބޯ ކޯޓުވާ، އަނިޔާއިން ރަނގަޅުވެ ފުލް ޓީމަށް ނުކުތުމެވެ. އިތުރު މާ ބޮޑު ބަދަލުތަކެއް ރެއާލް ޓީމުން ފެނިގެން ގޮސްފައިނުވާ އިރު، ޓޯނީ ކްރޫސް ކްލަބު ފުޓުބޯޅައިގައި ކުޅޭ ފަހު މެޗަށް ފުރަތަމަ 11 އަށް ނުކުތެވެ. އަނެއްކޮޅުން މި ސީޒަނަށްފަހު ޑޯޓްމަންޑް ދޫކޮށްލާ މާކޯ ރޫސް މެޗަށް ނުކުތީ ބެންޗުންނެވެ.
މެޗު ރަނގަޅަށް ފެށީ ޑޯޓްމަންޑުންނެވެ. ފުރަތަމަ ހާފުގައި ރެއާލަށް ޑޯޓްމަންޑް ގޯލަށް އަމާޒުކޮށް ޝޮޓެއްވެސް ނުހެދުނެވެ. މެޗުގެ އޮއިވަރު ކޮންޓްރޯލުކޮށްގެން ޑޯޓްމަންޑުން ކުޅެ، ހަމަލާތައް އުފެއްދިއެވެ. ނިކްލަސް ފުލްކްރަގްގެ ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، އޭގެ ކުރިން ޖޫލިއަން ބްރަންޓަށް އޭރިއާ ތެރެއިން ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.
ދެވަނަ ހާފަށް ނުކުމެ ރެއާލުން ދެ އަރިމަތިން ވިނީޝިއަސް ޖޫނިއާއާއި ރޮޑްރީގޯގެ ބޭނުން ކުރިލެއް އިތުރުކުރުމުން ޑޯޓްމަންޑަށް އުނދަގޫތަކާ ކުރިމަތިވި ނަމަވެސް، އެ ހާފުގައިވެސް ފުރަތަމަ ފުރުސަތެއް ލިބުނީ ޑޯޓްމަންޑަށެވެ. އޭރިއާ ތެރެއަށް އިއާން މާޓެސަން ނަގައިދިން ހުރަސް، ފުލްކްރަގް ބޮލުން ފޮނުވާލި ނަމަވެސް ކޯޓުއާ އެ ބޯޅަ މަތަކުރިއެވެ.
ރެއާލުން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާއަކީ ކްރޫސްގެ ހިލޭ ޖެހުމަކުން އުފެއްދި ހަމަލާއެކެވެ. އޭނާގެ ދެ ހިލޭ ޖެހުމެއް މެޗުގައި ޑޯޓްމަންޑްގެ ކީޕަރު ގްރެގޯ ކޮބެލް މަތަކޮށް ބޭރުކޮށްލިއެވެ. ޑޯޓްމަންޑްގެ ހަމަލާތައް ބޭނުން ނުކުރެވި އުޅެނިކޮށް، 74 ވަނަ މިނެޓުގައި ކޯނަރެއްގައި ޑެނީ ކަވަހާލް ގޯލު ޖަހައި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. އެ ގޯލަށްފަހު ރެއާލަށް ދިރުން ލިބުނެވެ. ޖޫޑް ބެލިންހަމްއަށް އިތުރު ފުރުސަތެއް ލިބި ބޭކާރުވި އިރު، 83 ވަނަ މިނެޓުގައި ވިނީޝިއަސް ރެއާލަށް ދެވަނަ ގޯލެއް ޖަހައިދިނެވެ.
އެ ގޯލަކީ ޑޯޓްމަންޑް ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައިގެން ވިނީޝިއަސް ޖެހި ގޯލެކެވެ. މެޗު ނިމެން ދަނިކޮށް ޑޯޓްމަންޑްގެ ފުލްކްރަގް ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތް ކުރިއިރު އޭނާ އޮފްސައިޑް މަގާމެއްގައި އޮތް ކަމަށެވެ.
މިދިޔަ 11 އަހަރުގައި ރެއާލުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ހަވަނަ ފަހަރެވެ. އެއީ ތަފާތު ބޮޑު ރެކޯޑެކެވެ. މި ސީޒަނުގެ ސްޕެނިޝް ލީގު ތަށިވެސް ރެއާލުން ހޯދި އިރު، މިއީ އެޓީމުން ލީގާއި ޔޫރަޕްގެ ތަށި އެއް ސީޒަނެއްގައި ހޯދިވެސް ހަތަރުވަނަ ސީޒަނެވެ.