ލަންކާގައި ދިރިއުޅޭ ދިވެހިން ރެސިޑެންސް ވިސާ ހޯދުމަށް ފޮރިން މިނިސްޓްރީން އަންގައިފިއެވެ.
ފޮރިން މިނިސްޓްރީ މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިދުވަސްވަރު ލަންކާގެ ސަލާމަތީ ހާލަތު ވަރުގަދަކޮށްފައިވުމުން، ދިވެހިންވެސް ހިމެނޭގޮތަށް، އެގައުމަށް ދިރިއުޅެންދާ އެންމެންވެސް ރެސިޑެންޓް ވިސާ ނަގަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް މިމަހު 15 ވަނަ ދުވަހުން ފެށިގެން ލަންކާގެ ސަރުކާރުން އަމަލުކުރަމުންގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ރެސިޑެންޓަލް ވިސާއަށް މިގެންނެވުނު ބަދަލުތަކާއި އަދި މިނޫންވެސް ބައެއް ކަންބޮޑުވުންތަކާ ބެހޭގޮތުން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންގްހަ އާއި ލަންކާގެ ލީޑަރުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި މިކަމުގައި އެދެވޭ ރަނގަޅު ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕޮރިން މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވަނީ މިއަދުގެ ވަގުތެއްގައި ލަންކާއަށް ވަޑައިގެންފައެވެ.