މިދިޔަ ސަރުކާރުން ފެށި "ބިންވެރިޔާ ސްކީމް"ގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލުކުރަން ބޭނުންވެގެން ހުށަހަޅާފައިވާ މީހުންގެ ގުރު ނެގުން އަންނަ އަންގާރަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަޅުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެ ގޯތި ގުޅިފަޅަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުސަތުގައި 2،210 މީހުން ގޯތި ބަދަލުކުރަން ހުށަހެޅިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ބުނީ ގުރުނެގުން ކުރިއަށް ގެންދާނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އަންނަ އަންގާރަ ދުވަހުގެ 12:00 ގައި ކަމަށެވެ. އަދި ގުރު ނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅު ލާން ބޭނުންވާ މީހުންނަށް ހެނދުނު 9:00 އިން 10:00 އަށް ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ، ގޯތި ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހަކަށް ހާޒިރު ނުވެވޭ ނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާ ނަމަ އެ މީހެއްގެ މައުލޫމާތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށެވެ. އެ މައުލޫމާތު ހުށަހަޅަން ހުޅުވާލާނީ މިއަދު ހެނދުނު 10 އިން އަންނަ ހޯމަ ދުވަހުގެ މެންދުރު 12 އާ ހަމައަށް ކަމަށްވެސް ބުންޏެވެ.
ހައުސިން މިނިސްޓްރީން މިދިޔަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅައި ކަމަށެވެ.
އެހެންވެ އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން ގިރާވަރުފަޅުން ގުޅިފަޅަށް 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެއެވެ. އެގޯތީގެ އަދަދާއި ބޮޑުމިނަކީ:
ކުރީގެ ސަރުކާރުގައި ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އެއީ ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯއްޗެވެ.