ޚަބަރު

މޫކައި ސުއިޓްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލީ އިހްސާން

މޫކައި ސުއިޓްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މޫކައި ސުއިޓްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިރޭ 9:48 ގައި ރިޕޯޓްކޮށްފައިވާ ކަމަށާއި މިހާރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާކަމުގައެވެ.

އެމްއެންޑީއެފް އިިން ބުނީ މޫކައި ސުއިޓްސްގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައެވެ. މިހާރު އިމާރާތުގެ ތެރެއިން ދުން ބޭރުކުރަމުން ގެންދާ ކަމަށާއި އިތުރަށް ބަލަމުންގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެގެން ރިޕޯޓްކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މިރޭ 21:27 ހާއިރު މޫކައި ސޫޓްސްގެ ލައިޓްތަކުން ދުން އަރާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމުގައެވެ. ފުލުހުން އެތަނަަށް ދިޔައިރު މޫކައި ސުއިޓްސްގެ ގުރައުންޑްފުލޯގައި ހުރި ކަރަންޓް ކޭބަލްތަކެއްގައި ރޯވެގެން ލައިޓްތަކުން ދުން އަރަމުންދާކަން ފާހަގަވެގެން ހުރިހާ ފަންގިފިލާތަކެއް ބެލިއިރު ހުރިހާ ފަންގިފިލާއެއްގެ ލައިޓްތަކުންވެސް ދުން އަރަމުންދިޔަ ކަމުގައެވެ. އެހެންވެ މުޅި އިމާރާތުން މީހުން ހުސްކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެތަނުގައި އަދިވެސް އެމްއެންޑީއެފްއާއި ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.