ސްރީ ލަންކާގައި ކުރިއަށް ދިޔަ ދެކުނު އޭޝިއާގެ ޔޫތު ޓޭބަލް ޓެނިްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ކުޅުންތެރިން ހަތަރު މެޑަލް ހޯދައިފިއެވެ.
ލަންކާގެ ކޭންޑީގައި އިއްޔެ ނިމުމު މުބާރާތުގައި ރާއްޖެއިން ވަނީ ތިން ލޯ މެޑަލް އަދި ރިހި މެޑަލްއެއް ހޯދައިފައެވެ. އިއްޔެ މުބާރާތް ނިންމުމަށް ބޭއްވި އިވެންޓް ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް، ސާޖިދާ މުހައްމަދެވެ.
ރާއްޖެއަށް ރިހި މެޑަލް ގެނެސްދީފައި ވަނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުންނެވެ. އެއީ ރާއްޖޭގެ އެއް ނަމްބަރު އަންހެން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި އަހްޔާރު އަހުމަދު ހާލިދުގެ ޕެއާއިންނެވެ. ދާދިފަހުން އޮލިމްޕިކްސްއަށް ކޮލިފައިވެ، ތާރީހު ލިޔެލަދިން ދީމާ އާއި އަހުޔާރުގެ ޕެއާ ފައިނަލަށް ގޮސް ބަލިވީ ވަރުގަދަ އިންޑިއާގެ ބެޓަޖީ އާއި ޕްރިތާގެ ޕެއާ އަތުންނެވެ. އެއީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް އިންޑިއާ ޕެއާއިން ގެންދިޔައީ 11-09، 14-12، 11-08 އިންނެވެ.
ރާއްޖެއިން ލޯ މެޑަލް ހޯދީ، 19 އަހަރުން ދަށުގެ އަންހެން އަދި ފިރިގެން ޑަބަލްސް އިވެންޓްތަކުން އަދި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުންނެވެ. 19 އަހަރުން ދަށުގެ ލޯ މެޑަލް ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ ހޯދީ ސެމީއަށް ދަތުރު ކޮށްގެންނެވެ. ފިރިހެން ޑަބަލްސް އިވެންޓްގެ ސެމީއަށް ރާއްޖޭގެ އުމީރު މުހައްމަދު މުއިއްޒު އާއި އަހްޔާރުގެ ޕެއާ ދަތުރުކޮށް، ލޯ މެޑަލް ހޯދި އިރު، 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ހޯދީ އައިޝަތު އަލްސާ ނާފިޒު އާއި އައިޝަތު މަލާކް ތާސީންގެ ޕެއާއިންނެވެ.