ޓޭބަލް ޓެނިސް

އައްޔަ، އޭޝިއާގެ ޓޭބަލް ޓެނިސް ޖަމިއްޔާގެ ކައުންސިލް މެމްބަރު ކަމަށް ހޮވިވަޑައިގެންފި

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން (އޭޓީޓީޔޫ) ގެ ކައުންސިލް މެމްބަރު ކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް، އަލީ ރަޝީދު (އައްޔަ) އިންތިހާބުވެއްޖެއެވެ.

އައްޔަ އެމަގާމަށް އިންތިހާބުވީ މިއަދު ކަޒަކިސްތާނުގައި ބޭއްވި އޭޓީޓީޔޫގެ އާއްމު ޖަލްސާގައެވެ. އައްޔަ ކައުންސިލް މެމްބަރުކަމަށް ހޮވިވަޑައިގަތީ ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައެވެ.

މިއަދު ބޭއްވި އާއްމު ޖަލްސާގައި އޭޓީޓީޔޫގެ ރައީސް ކަމަށް އިންތިހާބުވީ ކުރިންވެ ސް އެމަގާމުގައި ހުންނެވި ގަތަރު ޓީޓީ އެސޯސިއޭޝަންގެ ރައީސް ހަލީލް ބިން އަހުމަދު އަލް މުހައްނަދީއެވެ. މިއީ އޭނާ އެމަގާމަށް އިންތިހާބުވެވަޑައިގެން ދެވަނަ ފަހަރެވެ. އައްޔަ އާއި ރައީސް މުހައްނަދީގެ މި ދައުރު 2028 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ.

މިފަހަރުގެ އޭޓީޓީޔޫ އިންތިހާބުގައި ޔޫނިއަންގެ ރައީސް ކަމަށް މުހައްނަދީ ފިޔަވާ އިތުރު ބޭފުޅަކު ވާދަކުރައްވާފައެއް ނުވެއެވެ.

ދާދިފަހުން ތިންވަނަ ދައުރަކަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުވެޑައިގެން އައްޔައަކީ މިވަގުތު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ވެސް މެމްބަރެކެވެ. މިއަހަރު ޕެރިހުގައި އޮތް އޮލިމްޕިކްސްއަށް ރާއްޖޭގެ ކޮންޓިޖެންޓާ ހަވާލުވެގެން ދިޔަ ޗެފް ޑި މިޝަނަރަކީވެސް އައްޔައެވެ.

އައްޔަ 2006 އިން 2008 އަށް ޓީޓީ އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރި އިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާއަކީ ޓީޓީގެ ނައިބު ރައީސެވެ. އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީ، ވާދަވެރިއަކު ނެތި، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ. އެކަމަކު އޭގެފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔަ އިރު، އައްޔަ ވަނީ އެފަހަރުވެސް އިންތިހާބު ކާމިޔާބުކޮށް، މަގާމު ދަމަހައްޓައިފައެވެ.