ޚަބަރު

ޝިމާ ގެއްލުނު މައްސަލައިގައި ތުހުމަތުކުރެވޭ ފަޒީލް މީހަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކޮށްފި

ލ. ކައްދޫ އިން އެ އަތޮޅު މާމެންދުއަށް ދަތުރުކުރި ޑިންގީއެއް ބަނޑުން ޖަހާލައި، ގެއްލުނު އާމިނަތު ޝިމާ ނާފިޒުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިބްރާހީމް ފަޒީލް މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ ދެވަނަ ދުވަހު ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށް ބިރުދައްކައި، އޭނާގެ އަތުން 8900 ރުފިޔާ ފޭރުމަށްފަހު ފައިސާ ހޯދުމަށް އެދެމުންދާ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޒީލް ހިމެނޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މެއި ތިންވަނަ ދުވަހުގެ ރޭ 10:45 ހާއިރު ފައިސާ ނެގުމަށް ލ. ގަން ޕްރޮވިންސް އޮފީސް ކައިރީގައި ދެ މީހަކު ހަރަކާތްތެރިވަމުންދިޔަ ކަމަށާއި އޭގެ ތެރެއިން 19 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފަޒީލްގެ އިތުރުން ދެން ހަރަކާތްތެރިވި މީހާ ސައިކަލެއްގައި ފިލާފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ފަޒީލް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަޒީލް ފުރަތަމަ ހައްޔަރުކޮށްފައިވަނީ ޝިމާ ގެއްލުނު މައްސަލައިގައެވެ. އެ ހާދިސާގައި ޝިމާއާއެކު ޑިންގީގައި ޝިމާއާއެކު ފަޒީލް ދަތުރުކުރިއެވެ. ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ފަޒީލް ދައްކާ ބައެއް ވާހަކަތައް ދިމާ ނުވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، ޝިމާ ގެއްލުވާލީ ފަޒީލްކަން ކަށަވަރުކުރެވޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ހާދިސާއަށްފަހު ޝިމާގެ އަންހެން ކޮއްކޮ ގޮވައިގެން ގްރޫޕަކާއެކު ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ފަޒީލް ހިމެނެއެވެ.