ހިޔާލީ ދުނިޔެއިން ނުކުމެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސީރިއަސް މަސައްކަތެއް ކުރުން މާ ބުއްދިވެރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް އެހެން ވިދާޅުވެފައިވަނީ އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އެއީ ޕީޕީއެމްއަށް ދިން މެސެޖެއް ކަމަށް ބެލެވެއެވެ.
"ހިޔާލީ ދުނިޔެއިން ނުކުމެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސީރިއަސް މަސައްކަތެއް ކުރުން މާ ބުއްދިވެރި. ހަގީގަތް ގަބޫލުކުރައްވާ،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މިރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެކަމަށް ރައްދު ދެއްވައިފައެވެ. އަދުރޭ ވިދާޅުވީ ޕީޕީއެމް އުޅެނީ ހަގީގީ ދުނިޔެއެއްގައި ކަމަށާއި ދުނިޔޭގައި އޮންނަ އުސޫލު އެނގިގެން ވާހަކަދެއްކުން ރަނގަޅުވާނެ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމް، ސުޕްރީމް ކޯޓުން މިއަދު ވަނީ އިއްވައިފައެވެ. ސުޕްރީމް ކޯޓުން ހުކުމްކުރީ އިންތިހާބު ބާލިލްކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކަށް ބަލާ އިރު، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ހެއްކެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަމަށެވެ.