ޚަބަރު

ސިހުރު ހަދާ މީހާ އާއި ސިހުރުވެރިންގެ އެހީ ހޯދާ މީހާ ކާފިރުވާނެ: ހުތުބާ

ކޮންމެ މަގުސަދެއްގައި ވެސް ސިހުރު ހަދައިފި ނަމަ ނުވަތަ ސިހުރުވެރިއެއްގެ އެހީ ހޯދައިފި ނަމަ، އެއީ ކުރެވޭ ބޮޑު ފާފައެއް ކަމަށާއި އެކަމުގެ ސަބަބުން މީހާ ކާފިރުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މިއަދު ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ހުންނަ ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ސިހުރު ކަމަށެވެ. ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވެ، ރަހުމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި އަދާވާތްތެރިކަން އުފެދޭ ކަމަށް ހުތުބާގައި ބުންޏެވެ.

"ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅެއެވެ. ސިއްހަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި ވޭން ތަހައްމަލު ކުރަން ޖެހެ. އެފަދަ އަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ. މިނުބައި ފާސިދު އަމަލު މިއަދު ވަނީ މުޅި މުޖުތަމައަށް އާންމުވެފައެވެ،" ހުތުބާގައިވެއެވެ.

"މި ސުންޕާ އަމަލުގެ ސަބަބުން، ބަރުބާދުވެގެން ދަނީ ކިތައް ޒުވާނުންގެ ހަޔާތް ހެއްޔެވެ؟ ވިއްސިވިހާލި ވެގެން ދަނީ ކިތައް ޒުވާނުންގެ އުއްމީދުތައް ހެއްޔެވެ؟ ބަލިވެ، ދުނިޔެ ދޫކުރަމުންދަނީ ކިތައް އަހުންނާއި އުހުތުން ހެއްޔެވެ؟ އަދާވާތްތެރިކަމާއި ނަފުރަތު އުފެދި، މުޅި އުމުރަށް ވަކިވެ ދަނީ ކިތައް އާއިލާ ހެއްޔެވެ؟ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަވަނީ ކިތައް މީހުން ހެއްޔެވެ؟ މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިހުރުގެ ސަބަބުންނެވެ،" ހުތުބާގައި ބުންޏެވެ.

ސިހުރަކީ ހަގީގަތެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ސިހުރުގެ ދެ ބާވަތެއްވާ ކަމަށެވެ. އޭއީ އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީހުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެވެ. އަދި އަނެއް ބާވަތަކީ މީހުންގެ ހިތްތަކަށާއި ހަށިގަނޑަށް އޭގެ އަސަރު ފޯރާ ސިހުރު ކަމަށް ހުތުބާގައި ބުންޏެވެ.

"މި ބާވަތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތަށްޓާއި ނިޔަފައްޗާއި ފުނަލުގެ ދަތާއި ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރެއެވެ. މީގެތެރޭގައި މީހުން މޮޔަކޮށްލާ ސިހުރާއި ބަލިކޮށްލާ ސިހުރާއި މަރާލާ ސިހުރާއި ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިހުރު ހިމެނެއެވެ،" ހުތުބާގައި ބުންޏެވެ.

ޔަހޫދީއަކު ކީރިތި ރަސޫލާއަށް ހެދީ މި ބާވަތުގެ ސިހުރުކަން ފާހަގަކޮށް ހުތުބާގައި ބުނީ، ފަލަގު ސޫރަތާއި ނާސް ސޫރަތް ބާއްވައިލެއްވީ މި ހާދިސާގެ ސަބަބުން ކަމަށެވެ.

ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ސިހުރަކީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ކަމެއް ކަމަށާއި ސިހުރުހާހޫރައާ ދުރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މުސީބާތްތަކުން މިންޖުވުމަށާއި ބޭނުންވާ ކަންކަމުގައި އިހުލާސްތެރިކަމާ އެކު މާތްﷲއަށް ދުއާ ދެންނެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.