ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖެއަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މރާއްޖެއަށް ވަޑައިގަތީ މިއަދު އެވެ.
މި މަހާސިންތާގައި ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައި ވާއިރު އެ މަނިކުފާނު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވައުދުވެފައިވާ ގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެ މަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބުވުމަށް ގޮވާލައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މި މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ސައިޑްލައިން އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން އަދި ބައެއް ގައުމުތަކާއި ބައިނަލްއަގުވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ މަހާސިންތާގައި އެ ގައުމުތަކުގެ ހައްގުގައި ރައީސް މުއިއްޒު ވަކާލާތުކުރެއްވިއެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި އެ ކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ހައްލުތަކަށް ވެސް މި މިމަހާސިންތާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުގައި އަލިއަޅުއްވައިލެއްވިއެވެ.