އަލީ ޔާމިން
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އޮތީ ހުއްޓިފައި ކަމަށާއި ކުރިން ބުނި ތާރީހަށް އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމައި ނުލެވޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާއިރު، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދީގެންނެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ބަންޑު ވޯލް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު އެ ތަނުން ދިހަ ހެކްޓަރު ވަނީ ހިއްކައިފައެވެ. ނަމަވެސް އޭގެ ފަހުން އެ މަޝްރޫއުގެ މާބޮޑު މަސައްކަތެއް ކުރިއަކަށް ނުދެއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސީއެމްސީސީއާ ރަސްމާލެ ހިއްކަން ހަވާކުރީ ދައުލަތަށް އެއްވެސް ބުރައެއް ލިބޭ ގޮތަށް ނޫން ކަމަށާއި އެ ކުންފުނިން އޭރު ހުށަހެޅީ ވަރަށް ރަނގަޅު ހުށަހެޅުމެއް ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ފައިސާ ނުހޯދިގެން އެ މަޝްރޫއު ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"އެ ބޭފުޅުން ޕްރޮޕޯސްކުރި ގޮތަށް ފައިނޭންސް ރެއިސް ނުކުރެވިގެން މަޝްހޫރު ކުރިއަށް ނުގެންދެވި އޮތީ. އޭރުގައި އެ ބޭފުޅުން ޕްރޮޕޯސްކުރި ގޮތަށް މަސައްކަތް ފަށަން ގުޅީފަޅުގައި ބޮސްކާލިސްގެ ދެ ޑްރެޖަރު އޮތް، އެހެންވެ އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް. އެގޮތަށް އެ ބޭފުޅުން ހުށަހެޅީވެސް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްހޫރު ކުރިއަށްގެންދަން ސަރުކާރުން އެހެން ގޮތްތަކެއް މިހާރު ހޯދަމުން އަންނަ ކަމަށާއި މަޝްރޫއުގެ މަސައްކަތް ކުރިން ތާވަލުކުރި ތާރީހަށްވުރެ ލަސްވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އޭރުގައި ވިދާޅުވީ، މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް، އެހެން ނަމަވެސް މިހާރު ފަށައިގެން އަށް މަސް ދުވަހުގެ ތެރޭގައި ނުނިންމޭނެ. ނަމަވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި އަހަރު ނިމެންވާއިރަށް ބިން ހިއްކުމާ ކަންކަން ކުރިއަށް ގެންގޮސް، ހައުސިންއާއި އެ ނޫންވެސް ކަންތައްތައް ފެށުމަށް ކުރަންޖެހޭ ކަންކަން ފެށުމަށް، އެތަނުގައި ފެނާއި ނަރުދަމާއާ އެކަންކަން ކުރުމަށް" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުންދާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު އެތަނުގައި ތަރައްގީކުރާނެއެވެ.