ޚަބަރު

މޫސަގެ މަރު: ސައްމާހު ބަންދުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން އަނެއްކާވެސް ހުކުމް ކޮށްފި

އިބްރާހިމް ޒަކީ

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ/ ދޭލިއާގޭ، މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ދައުވާކުރާ، އދ. މާމިގިލީ/ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން، އޭނާ ބަންދުން ދޫވެފައިވަނިކޮށް އަލުން އޭނާ ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓަށް ފޮނުވި މައްސަލައިގައި ސައްމާހު ބަންދު ނުކުރަށް މި ފަހަރުވެސް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ސެޕްޓެމްބަރު 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރި ދައުވާގެ މައްސަލައެކެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ކުރި ހުކުމުގައި ވަނީ މޫސައަށް ހަމަލާ ދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށެވެ. އޭނާވެސް އެ ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެ، ފަހުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ހުކުމުގައިވެއެވެ. އެހެންކަމުން އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލުމުން އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.

ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖުތަކުން ސައްމާހު އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ. އެ ސަރަހައްދުގައި އެ ވަގުތު ސައްމާހު ނުހުންނާނެ ކަމަށް އޭނާގެ ދިފާއީ ހެކިން ބުނާތީ އެ ވީޑިއޯ އިން ފެންނަނީ އޭނާ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުންވެސް އެ ހާދިސާއާ ސަައްމާހުއާ ގުޅުވައިލެވޭނެ ހެއްކެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.

އެހެންކަމުން މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައި ވަނީ ސައްމާހުގެ މައްޗަށް، ދައުލަތުން ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ. އަދި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމް ކުރިއެވެ.

އޭރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަނަދުކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން އޭނާ މިނިވަންވެ ދޫވިއެވެ.

އެ މައްސަލައިގައިި ކްރިމިނަލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން، އެއީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ދެކޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

އެ މައްސަލައިގެ އިސްތިއުނާފާ އެކު ސައްމާހު ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރި ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި ސައްމާހަކީ ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ބުނެ އެ އިސްތިއުނާފީ މައްސަލަ ބަލައި ގޮތެއް ނިމެންދެން ސައްމާހު ބަންދުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށްވެސް ޕީޖީގެ ފަރާތުން ކޯޓުގައި އެދުނެވެ.

ނަމަވެސް މި އަހަރުގެ މާޗު 28ގައި ހައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ އަމުރުގެ މައްސަލަަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލައިގައި މި މަހު ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ކަންކަމަށް ރިއާޔަތްކޮށްގެން ކަމުގައި ނުވާތީ ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އެ ނިންމުން ބާތިލުކަމަށް ނިންމާ ކަމަށެވެ.

އަދި އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސައްމާހަކީ އޭނާގެ މައްޗަށް ހައިކޯޓުގައި ހިންގަމުންގެންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހައިކޯޓުން ކަނޑައަޅަންދެން، ސައްމާހު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަމުރުކުރާ ކަމަށްވެސް ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާއި ގުޅިގެން ހައިކޯޓުން މައްސަލަ ބެލުމަށްފަހު އިއްޔެ ކުރި ހުކުމުގައިވެސް ވަނީ، އެ ކޯޓުގައި ކުރިއަށްދާ އިސްތިއުނާފު ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުގެ އަގުލަބިއްޔަތުން ކަނޑައަޅާ ކަމަށެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވި، ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔުގައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެޓުމަށް އަމުރުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އޭނާ ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅީ، ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންގެ ރައުޔުންނެވެ.