ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މުޅިން އަންހެން އޮފިސަރުންނާއެކު މޯލްޑިވްސް އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް ރެއިޑް އޮޕަރޭޝަނެއް ހިންގައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަންހެން ބިދޭސީން ހޯދުމަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރެއިޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި އެއީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދުގެ އިރުޝާދާ އެއްގޮތަށް އިމިގްރޭޝަންގެ ދިގު ތާރީހުގައިވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ރެއިޑް އޮޕަރޭޝަން ކަމަށްވެސް ބުންޏެވެ.
އެ އޮޕަރޭޝަންގައި މާލޭގެ 8 ތަނަކާއި ހުޅުމާލޭގެ 6 ތަނެއް ބެލުމަށްފަހު އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ 15 އަންހެން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަންގައި ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމް މިނިސްޓްރީން ވަނީ ހާއްސަ ޓާސްކުފޯހެއް އެކުލަވާލައިފައެވެ. އެ ޓާސްކުފޯހުން މިހާތަނަށް 33 އޮޕަރޭޝަނެއް ހިންގައި 1700 އަށްވުރެ ގިނަ ބިދޭސީން ވަނީ ފުރުވާލައިފައެވެ.