ޚަބަރު

ކުރީ ސަރުކާރުގައި ޕީއެސްއެމަށް ޑޮލަރު ގަތުމުގައި ހަތަރު މިލިއަން ރުފިޔާގެ ހިޔާނާތެއް!

މުހައްމަދު އިޝާން

ކުރީ ސަރުކާރުގައި ޕީއެސްއެމުން އަމިއްލަ ފަރާތަކާ އެކުވެ، ޑޮލަރު ގަތުމުގެ މުއާމަލާތެއްގެ ތެރެއިން ޕީއެސްއެމްއަށް ލިބެންޖެހޭ ހަތަރު މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ޒީނާ ވިދާޅުވީ ޕީއެސްއެމްގެ ފިނޭންސް ހެޑް އަހުމަދު ހަނީފު ޑޮލަރުގެ ގަތުމުގެ އެ މުއާމަލާތް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހިންގީ ޕީއެސްއެމްގެ މެނޭޖުމެންޓާ ހިއްސާ ނުކޮށް ކަމަށެވެ.

އެ މުއާމަލާތަކީ ޕީއެސްއެމްގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޒީނާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން ފައިނޭންސް ހެޑް އަހުމަދު ހަނީފު މިދިޔަ އެޕްރީލް މަހު ސަސްޕެންޑް ކުރުމަށްފަހު މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޒީނާ ވިދާޅުވިއެވެ.

"ލިޔެކިޔުންތަކުން އެބަ ދައްކާ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރި ކަމަށް. އަޅުގަނޑުމެން ހަވާލުވި އިރު ޕީއެސްއެމްގެ ތިޖޫރީގައި އެންމެ ފައިސާއެއް ވެސް ނެތް. ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި ވެސް އެންމެ ޑޮލަރެއް ނެތް،" ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ ހަނީފުގެ އިންޓެގްރިޓީއާ ގުޅޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިގެން 2017 ވަނަ އަހަރު އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން މާލީ ކަންކަން ގޮސްފައިވާ ބެލުމުގެ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ދަނީ އޮޑިޓެއް ހަދަމުން ކަމަށެވެ.

ހަނީފު ވަނީ ޕީއެސްއެމްގެ މުވައްޒަފުންގެ އަތުން ވެސް ރުފިޔާ ނަގައިފައި ކަމަށެވެ. އެގޮތުން މުވައްޒަފުންގެ އަތުން 50،000 ރުފިޔާ އާއި 60،000 ރުފިޔާ އާއި 80،000 ރުފިޔާ ނަގާފައިވާ ކަމަށާއި އެ ރުފިޔާ އަނބުރާ ނުލިބޭ ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ.