ސްރީލަންކާއަށް ދިއުމުގެ ކުރިން ރެސިޑެންޓް ވިސާނަގަން ޖެހޭ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަށް ދިއުމުގެ ކުރިން ދިވެހިން ރެސިޑެންޓަލްވިސާ ހޯދަންޖެހޭ ގޮތަށް ލަންކާއިން ކަނޑައަޅާފައި އޮތް އޮތުމަށް ހައްލު ހޯއްދަވައި ދެއްވުމަށްޓަކައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންގްހަ އާއި ލަންކާގެ އިސް ލީޑަރުންނާ މަޝްވަރާ ކުރައްވާނެކަމުގައެވެ. އަދި އެކަމަށް އެދެވޭ ހައްލެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ލަންކާގެ ސަރުކާރުން ވަނީ ލަންކާގައި ދިރިއުޅެންދާ އެންމެންވެސް ކުރިއާލައި ރެސިޑެންޓް ވިސާ ނެގުމަށް އަންގައިފައެވެ. ލަންކާގައި ދިރިއުޅެން ބޭނުންވާ ރެޒިޑެންސް ވިސާ ނެގުމުގެ އުސޫލުތަކަށް ބަދަލު އައި ނަމަވެސް ޓޫރިސްޓް ވިސާގެ އުސޫލަށް ބަދަލެއް ނާންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ދިވެހިންނަށް އޮން އެރައިވަލް ޓޫރިސްޓް ވިސާ ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު މިއަދު ވަނީ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންގްހަ، ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އަދި އިދިކޮޅު ލީޑަރ މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.