ޚަބަރު

އީރާންގެ ބޯޓުން މިހާތަނަށް 51 ކިލޯގެ މަސްތުވާތެކެތި ފެނިފައިވާ: ފުލުހުން

އަލީ އިހްސާން

އީރާންގެ ބޯޓުން މިހާތަނަށް 51 ކިލޯގެ މަސްތުވާތެކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިބޯޓުން މިހާތަނަށް ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތެކެތި ފެނިފައިވާ ކަމަށާއި ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާކަމުގައެވެ. އެބޯޓުގައި ހުރި މަސްތުވާތެކެތި ވަނީ ކޮންޕާޓްމެންޓުތަކުގައި އިތުރު ފައިބަރު ލޭޔަރެއް އަޅައިގެން ނުފެންނަ ގޮތަށް ވަނީ ފޮރުވާފައި ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ވިދާޅުވެފައިވެއެވެ.

ފުލުހުން ބުނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް އީރާނުގެ ބޯޓު މާލޭ ބަނދަރަށް ގެންނަނިކޮށް ވިލިމާލެ ކައިރީގައި އޮންނަ ފަރަށް އެރުމާ ގުޅިގެން ބޯޓު ފުންކުރުމާއި ބަލައި ފާސްކުރުމުގެ މަސައްކަތް ހިނގާގޮތް ބައްލަވާލެއްވުމަށްޓަކައި ހޯމް މިނިސްޓަރ އިމްރާން އަބްދު ﷲ މިއަދު ވަޑައިގެންނެވި ކަމުގައެވެ. ހޯމް މިނިސްޓަރާއެކު ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ބޯޓު ފަރަށް އެރުމުން ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ފަރުމަތީގައި ކަމަށާއި ބޯޓު ފުންކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާކަމުގައެވެ.

މި ބޯޓުގެ ފަޅުވެރިންގެ ތެރެއިން ހަތްފަޅުވެރިން އިއްޔެ ހައްޔަރުކޮށްފައިވާ އިރު، ކޯޓުން މިއަދު ވަނީ އެ ހަތް މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދީފައެވެ. އަދިވެސް މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.