އިބްރާހިމް ޒަކީ
މަސްތުވާތަކެތި ޓްރެފިކު ކުރަން އުޅެނިކޮށް އަތުލައިގަތް ބޯޓުން ހައްޔަރުކުރި ފަޅުވެރިންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފިއެވެ.
ފުލުހުން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް، ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ހިިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް އީރާނުގެ ބޯޓުން ހަތް ފަޅުވެރިން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދިއުމުން އެ ހަތް މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި ބޯޓުން މިހާތަނަށް ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތަކެއްތި ފެނިފައިވާ ކަމަށެވެ. އަދި ބޯޓް ބަލާ ފާސް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
މި ބޯޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ ކޮމްޕާޓްމަންޓްތަކުގައި އިތުރު ފައިބަރު ލޭޔަރެއް ލައިގެން ނުފެންނަ ގޮތަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.