ޚަބަރު

މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް، އަތުލައިގަތް ބޯޓު މާލޭ ބަނދަރަށް ގެންނަކޮށް ފަރަށް އަރައިފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް، ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ހިިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް އީރާނުގެ ބޯޓު، މާލޭ ބަނދަރަށް ގެންނަނިކޮށް ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް އަރައިފިއެވެ.

ފުލުހުން ބުނީ، ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓު ފުން ކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

ފުލުހުން ބުނީ ބޯޓު ފުން ކުރުމުގެ މަަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް ހޯމް މިިނިސްޓަރ އިމްރާން އަބުދުﷲ މިއަދު ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނުގެ އަރިހުގައި، އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެސިސްޑެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ރޭ އަތުލައިގަތް މި ބޯޓުން މިހާތަނަށް ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ބޯޓް ބަލާ ފާސް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި، މި ބޯޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ ކޮމްޕާޓްމަންޓްތަކުގައި އިތުރު ފައިބަރު ލޭޔަރެއް ލައިގެން ނުފެންނަގޮތަށް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މި ބޯޓުގައި ހަތް ފަޅުވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައެވެ.

ފުލުހުން ބުނީ ކޯސްޓުގާޑުން މިބޯޓު ހުއްޓުވައި ހިފަހައްޓާފައިވަނީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.