ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބާރުތައް ބަދަލުކުރުމަށް މަސައްކަތްކޮށްދިނުމަށް ރައީސް ޔާމީނަށް އިބޫ ގޮއްވާލައްވައިފި

ރައްޔިތުންގެ ނިންމުން ގަބޫލުކޮށް، ބާރުތައް ބަދަލުކުރުމަށް މަސައްކަތްކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވައިފިއެވެ.

އިބޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު މިހާރު ބާރުތައް ބަދަލުކުރުމުގެ މަރުހަލާ އޮމާންކަމާއެކު ދާނެ ކަމަށް އުންމީދުކުރަން ޖެހޭ ކަމަށެވެ.

އިބޫ ވިދާޅުވީ އިންތިހާބުގެ ތެރެއިން ވައުދުވެވަޑައިގެންނެވި ކަންތައްތައް ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ހުރިހާ ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. އަދި މިހާރު އިންތިހާބާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިފައިވާ ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމް، ސުޕްރީމް ކޯޓުން މިއަދު ވަނީ އިއްވައިފައެވެ. ސުޕްރީމް ކޯޓުން ހުކުމްކުރީ އިންތިހާބު ބާލިލްކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކަށް ބަލާ އިރު، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ހެއްކެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަމަށެވެ.