ރާއްޖޭގެ އިގުތިސޯދު ޑިޖިޓަލް އިގުތިސޯދަކަށް ބަދަލުކުރުމަށް ބައިނަލްއަގުވާމީ ގައުމުތަކުގެ އެއްބާރުލުމާއި އިންވެސްޓުމެންޓާއި ބައިނަލްއަގުވާމީ ޕާޓްނާޝިޕުތައް ބޭނުންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތަރުވަނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ހަވާސާގައި ކުރިއަށް ގެންދިޔަ "ސްމާޓް މޯލްޑިވްސް ޖާނީ ޓުވާޑްސް އަ ޑިޖިޓަލް އިންކްލޫސިވް ކޮމިއުނިޓީ" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ޑިޖިޓަލް ޓްރާންސްފޯމެޝަންގައި ކާމިޔާބު ގައުމެއް ކަމަށެވެ. އީޖާދީ ޓެކްނޮލޮޖީތަކުގެ އެހީގައި ގައުމުތަކަށް ދިމާވެފައިވާ ދަތިތަތަކީ، ކާމިޔާބީއަށް ވާސިލުވުމަށް ލިބިދޭ ފުރުސަތަކަށް ބަދަލުކޮށްލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ ޑިޖިޓަލް އިކްނޮމީއަކަށް ދިޔުމަށް މަސައްކަތް ކުރަމުން. އެކަމަކީ އަޅުގަނޑުމެންނަށް އެކަނި ހާސިލުވާނެ ކަމެއް ނޫން. އެކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއި ގިނަ އިންވެސްޓްމެންޓުތަކެއް އަދި ޕާޓްނާޝިޕްތައް މުހިންމުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އިގުތިސޯދު ޑައިވާސިފައި ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މޫސުމީ ބަދަލާއި ދަރަނީގެ ނިސްބަތް ބޮޑުވުމަކީ ގޮންޖެހުން ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތުގައި ހިދުމަތް ނުދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޓެކްނޮލޮޖީގެ މި ޒަމާނުގެ މާނައަކީ އެ ދަތިތަކުން ޓެކްނޮލޮޖީގެ އެހީގައި އަރައިގަތުން،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެއްގެ ގޮތުގައި އޮތް އިރު ރާއްޖެއިން ވަނީ ޔުނިވާސަލް ޓެލެފޯން ކަވަރޭޖްގެ ހިދުމަތް ދޭން ފަށައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖެއިން ދަނީ ފައިވްޖީ ޓެކްނޮލޮޖީ އާއި މެޑިކަލް ސަޕްލައިސް ޑްރޯން ނެޓްވޯކް ސްމާޓް ރޯޑް ސިސްޓަމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ރަށް ގިރާ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.