ޒަމާނުއްސުރެ ދިވެހިންނަކީ ރޯދަމަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތީން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. އެގޮތުން މުގު ބޯކިބަލަކީ ވެސް ގިނަ ދިވެހިންނަށްް މީރު އެއްޗެކެވެ.
މުގު ބޯކިބާ ހަދަން ބޭނުންވާ ތަކެތި:
200 ގްރާމް މުގު
100 ގްރާމް ހަކުރު
4 ބިސް
2 ސައިސަމުސާ ކޯން ފްލަރ (ބަދަލުގައި ގޮދަން ފުށްވެސް ބޭނުންކުރެވިދާނެ)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ މުގު ކޮޅު ދޮވެފައި މަޑުވަންދެން ކައްކާފައި ފެނުގައި ހިންދާލާށެވެ. އެއަށް ފަހު މުގާއި ހަކުރާއި ބިސް އަދި ކޯން ފްލަރ މިކްސަރުން ރަނގަޅަށް ގިރައިލާށެވެ. އެއަށްފަހު ތަވާގައި މަޑު ގިނީގައި ފިހާށެވެ. ފިހެވުނީމަ ބޯކިބާ މަޑުވާނެއެވެ. ނަމަވެސް ހިހޫ ވުމުން ބޯކިބާ ކޮށަންވާއިރު އޮންނާނީ ހަރުކޮށެވެ. މުގު ބޯކިބާ ފުރަތަމަ ކާ މީހުންގެ ތެރެއިން ގިނަ މީހުންނަށް މިއީ ވެލާބިސް ބޯކިބާ ކަމަށް ހީކުރެވެއެވެ. ގިނައިރު ވާވަރަކަށް ބިސް ރަހަ ގަދަވާނެއެވެ.