މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާރޓްސް ކޮސްޓިއުމް އިންސްޓިޓިއުޓް އަށް ފަންޑް ރެއިސް ކުރުމަށް ކޮންމެ އަހަރަކު ބާއްވާ މެޓް ގާލާ އިއްޔެ ނިމިފައިވާއިރު މިއަހަރުވެސް ތަފާތު ހެދުން ތަކާއި މޭކަޕް ތަކުގައި ގިނަ ތަރިންތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
ބޮލީވުޑް ތަރިން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އަދި ދީޕިކާ ޕަޑުކޯން ވަނީ ލައިމްލައިޓް ހޯދާ މި ހަފްލާގެ އެންމެ ރީތި ހެދުންތަކުގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.
ހެދުންތަކާ އެއްވަރަށް ހަފްލާއަށް ދިޔަ ތަރިން މޭކަޕާއި އިސްތަށިގަނޑުވެސް ތަފާތުކޮށް ސްޓައިލް ކުރެއެވެ. މި އަހަރުގެ ހަފުލާގައި އެންމެ ރީތިކޮށް މޭކަޕް ކޮށްފައިވާ ބައެއް ތަރިންނަށް ބަލައިލާނަމެވެ.
ލޭޑީ ގާގާ އަކީ ކޮންމެ ހަފުލާއަކަށްވެސް ވަރަށް ތަފާތުކޮށް ހެދުން އަޅައި މޭކަޕް ކުރާ ތަރިއެކެވެ. މިފަހަރު މެޓް ގާލާގައި އޭނާ ވަނީ ހަތަރު ލުކެއް ދައްކައިލައިފައެވެ. އެއީވެސް ޕިންކް ކާޕެޓްގައި ހުރެއެވެ.
ލޭޑީ ގާގާ ގެ މޭކަޕް ކޮށްފައިވަނީ އޭސްގެ މޭކަޕް އާޓިސްޓެކެވެ. އޭނާގެ ލޮލުގެ އިސްފިޔަ ވަނީ ފޮއިލް ބޭނުންކޮށްގެން ސްޕައިކްސް ޖައްސައިފައެވެ. މީގެ އިތުރުން ފޭކް ލޭޝް ތަކާއި ޑްރެމެޓިކް ކަޅު އަދި ހުދު ވިންގް ލައިނާއެއްވެސް ވަނީ ލޮލުގައި ބޭނުން ކޮށްފައެވެ. މޭކަޕް ލުކް ފުރިހަމަ ކޮށްފައިވަނީ ހޮޓް ޕިންކް ލިޕްސްޓިކުންނެވެ.
ސުޕާ މޮޑެލް ގިގީ ހާޑިޑް ހުދާއި ސިލްވާ އަދި ގޯލްޑް ކުލައިގެ ކެޓް ސޫޓަކާއި ފަތުން ޑިޒައިންކޮށްފައިވާ ކޯޓުގައި ފެނިގެން ގޮސްފައި ވާއިރު ބޮލުގައި ވަނީ ހެޑް ޕީސެއް އަޅައިފައެވެ. ގިގީގެ ލުކް ޑިޒައިން ކުރީ އެމެރިކަން ފެޝަން ޑިޒައިނަރެއް ކަމުގައިވާ މައިކަލް ކޯސް އެވެ.
ނަމަވެސް ހެޑްލައިންތަކުން ޖާގަ ލިބިގެން ދިޔައީ ގިގީ ގެ ބިއުޓީ ލުކް އަށެވެ. ގިގީގެ މާކެޕް ކޮށްފައިވަނީ އެރިން ޕާސަން އެވެ. ދިގު ސިލްވާ ކުލައިގެ އެސްފިޔަ އާއި ނޫޑް ކުލައިގެ ލިޕްސްޓިކުން އޭނާގެ ޑްރެމެޓިކް ލުކް ފުރިހަމަކޮށްދެއެވެ.
އެމެރިކަން އެކްޓަރު އަދި ލަވަކިޔުންތެރިޔާ އެޒްރާ މިލާގެ މޭކަޕް ވަނީ އެންމެންގެ ލޮލުގައި އަޅައިގެންފައެވެ. އޮޕްޓިކަލް އިލޫޝަނެއްހެން ފެންނަ ގޮތަށް ހަތަރު ލޯ މޫނުގައި ކުރަހާފައިވާއިރު ރެޓްރޯ ބޮބް ވިގް އަކާއި ހޮޓް ރެޑް ލިޕްސްޓިކުން ލުކް އެކީ ޑްރެމަޓިކް ކޮށްލައެވެ.
ޓުވައިލައިޓް އިން މަގުބޫލުކަންް ހޯދި ކްރިސްޓިން ސްޓްވާޓް ގެ މެޓް ގާލާ ލުކް އިން އޭނާ އަކީ ކްރިސްޓިން ހެން ހީވެސް ނުވިއެވެ. މިއީ މި ހައިސިއްޔަތުގެ ތަރިއެއްގެ ބުމައެއް ރީނދޫކުލައިގައި ހުއްޓައި ފެންނަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 90ގެ އަހަރު ތަކުގައި ޕޮޕް ލަވަކިޔުންތެރިން ވަނީ ބުމައިގައި އެކި ކުލަ ޖައްސައިފައެވެ. މީގެ އތުރުން އިސްތަށިގަނޑުގައި ހުރީ ކޮރަލް ހިއުސް ބޭނުން ކޮށްފައެވެ.
ކޭމްޕް ތީމާ ގުޅުވާލާފައި ޕިންކް ކާޕެޓްގައި ބޮލީވުޑްތަރި ޕްރިޔަންކާ ވަނީ ވިދާލައިފައެވެ. އޭނާ ލާފައި ހުރި ޑިއޯ ހެދުމަށް ގިނަ ތައުރީފު އޮހެމުންދާއިރު، މޭކަޕް ވެސް އެހާމެ ނަލައެވެ. ހުދު ކުލައިގެ ޕްރޮސްޑަޓް ބުމަ އާއި އެސްފިޔަ އަދި ރާސްބެރީ ތުންފަތް، މީގެ އިތުރުން ލޮލުގައި ޖައްސާފައިވާ ކުލައިން އޭނާ ވަރަށް ތާޒާކަމަށް ފެނިގެންދެއެވެ.
ޕްރިޔަންކާގެ އިސްތަށިގަނޑު ހުރީ އެފްރޯއެއް ހެނެވެ. ގިނަ މީހުން ބުނާ ގޮތުގައި އެ އިސްތަށިގަނޑުގެ ސްޓައިލަކީ ލައިފްޓައިމްގައި ކޮންމެވެސް އެއްފަހަރަކު ހަދާލަން ބޭނުންވާ ސްޓައިލެކެވެ.