އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އިންތިހާބު ކޮށްފިއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މަގާމުތަކަށް ވާދަކުރަން ހުޅުވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ފުރުސަތު މިއަދަށް ހަމަވި އިރު، މަގާމުތަކަށް ކުރިމަތިލި މެންބަރުންނާއި ހޮވުނު މެންބަރުން އެ ޕާޓީން މިއަދު ވަނީ އިއުލާންކޮށްފައެވެ.
ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެ ޕާޓީއަށް ނިސްބަތްވާ 75 މެންބަރުން އާ މަޖިލީހުގައި ތިއްބަވާނެއެވެ.