ޚަބަރު

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޯ ހޯސްޓް ކުރާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ހަތް ވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

މި އިވެންޓް ކުރިއަށް ދާނީ ޖުލައި މަހު ނުވަ ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ ރިސޯޓުގައެވެ.

މިއީ ކުރިއަށް އޮތް ރޫޓް ޑިވެލޮޕްމަންޓާއި އެއާ ސާވިސްގެ އިސްނެގުމުގައި އެއްބާރުލުން ދިނުމަށް އެއާލައިންތަކާއި ޓޫރިޒަމް ބޯޑުތަކާއި އޭވިއޭޝަން އޮތޯރިޓީތަކާއި އޭވިއޭޝަން ސަޕްލައި ކުރާ ފަރާތްތައް އަދި އެއާޕޯޓްތަކުގެ 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ހާއްސަ ކޮންގްރެސްއެކެވެ.

ދިރާގުގެ ޗީފް ކޮމާޝިއަލް އޮފިސަރު ވިދާޅުވީ، އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ މި އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު ވަނީ ކޮންގްރެސްއަށް ދިރާގުން ހައި-ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދޭތީ އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.