އިބްރާހިމް ޒަކީ
މީގެ ފަސް އަހަރު ކުރިން އެކި ކޯޓުތަކުން ވަކިކުރި އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާ ދޭން ސުޕްރީމް ކޯޓުން އަންގައިފިއެވެ.
މި މައްސަލައަކީ ބައެއް މެޖިސްޓްރޭޓް ކޯޓުތަކާއި ފެމިލީ ކޯޓް އަދި ކްރިމިނަލް ކޯޓުގެ ކޯޓް އެޑްމިނިސްޓްރޭޓަރުންނާއި ހައިކޯޓުގެ ސީނިއާ ކޯޓް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ވަޒީފާ އަދާކުރަމުންދިޔަ 10 ފަރާތް ވަޒީފާ އިން ވަކިކުރުމުން، ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށް އެދި އެ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލި މައްސަލަތަކެކެވެ.
އެ ފަރާތްތަކުން ބުނެފައިވަނީ ވަޒީފާ އިން ވަކިކުރުމަށް ޑީޖޭއޭ އިން ނިންމި ނިންމުމަކީ ވަޒީފާއާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އުސޫލުތަކާ އަދި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ.
އެހެންކަމުން އެ ނިންމުން ބާތިލުކޮށްދިނުމަށާއި އެ ފަރާތްތަކަކީ އޭރު އަދާކުރަމުންދިޔަ ވަޒީފާ އިން ވަކިވެފައިވާ ފަރާތްތަކެއް ކަމަށް ނުބެލުމަށާއި އެއީ ވަޒީފާގައި ތިބި ބައެއް ކަމަށް ކަނޑައަޅައި ދިނުމަށް ޓްރައިބިއުނަލްގައި އެދުނެވެ.
މި މައްސަލަ ބެލުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ، އެ ފަރާތްތައް ވަޒީފާ އިން ވަކިކޮށްފައިވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުގައި ކަމަށް ބުރަނުވެވޭ ކަމަށެވެ. އެހެންކަމުން އެ ފަރާތްތައް ވަޒީފާ އިން ވަކިކުރުމަކީ އަންފެއާ ޑިސްމިސަލް އެއް ކަމަށް ކަނޑައަޅައި އެ ފަރާތްތަކަކީ ވަޒީފާ އިން ވަކިވެފައިވާ ފަރާތްތަކެއް ކަމަށް ނުބެލުމަށާއި ވަޒީފާގެ ކަންކަން އަލުން ހަމަޖެހޭ ތާރީހާ ހަމައަށ،ް ވަޒީފާ އިން ވަކިކުރި އިރު އަދާކުރި މަގާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް ނިންމުމުގައިވެއެވެ.
އަދި ޓްރައިބިއުނަލުން މި މައްސަލަ ނިންމި ދުވަސް ކަމަށްވާ 26 އޮކްޓޯބަރު 2021 ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކަންތައްތައް ތަންފީޒު ކުރުމަށްފަހު އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ލިޔުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމަށް، ޑީޖޭއޭގެ މައްޗަށް ޓްރައިބިއުނަލުން އަމުރުކުރިއެވެ.
ނަމަވެސް ޓްރައިބިއުނަލްގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޖޭއެސްސީ އިން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން ކުރި ހުކުމްގައިވަނީ މި މައްސަލައިގެ އިސްތިއުނާފުގައި ޖޭއެސްސީ އިން ހުށަހަޅާފައވާ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލަތަކާ ގުޅޭ ގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލުކުރަންޖެހޭ ފަދަ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމާމެދުވެސް ހިތްހަމަނުޖެހިގެން އެ މައްސަލަ ޖޭއެސްސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
މި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ، އެ މައްސަލަތަކުގައި ހައިކޯޓުން ކުރި ހުކުމްތަކަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.