މާދަމާ ފަށާ މިއަހަރުގެ ދިރާސީ އަހަރަށް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން 1،126 ދަރިވަރުން، މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ވައްދައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު މީޑިއާތަކަށް ބުނީ މާދަމާ ދިރާސީ އަހަރު ފެށިގެންދާނީ 96،000 ދަރިވަރުންނާ އެކު ކަމަށެވެ. އޭގެ ތެރެއިން 40،300 ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމަށާއި 42،700 ދަރިވަރުންނަކީ ފިރިހެން ދަރިވަރުން ކަމަށެވެ.
އެގޮތުން 96،000 ދަރިވަރުންގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކަމަށާއި ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރާނީ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިއަހަރު މާލޭ ސަރަހައްދުގެ ގްރޭޑް 1 އަށް 2،2240 ދަރިވަރުން ވަނީ އެންރޯލް ކުރެވިފައެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑުތަކަށް ވަންނަން ހުށަހެޅި ދަރިވަރުންގެ އަދަދަކީ 2،081 އެވެ. އަދި މި ދިރާސ އަހަރު، އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭ ސަރަހައްދުގެ ސްކޫލްތަކަށް 1،126 ދަރިވަރުން ވަނީ ބަދަލުވެފައެވެ. ހަމާއެކު، މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ބަދަލުވިއެވެ،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމަށް މިއަހަރު ސަރުކާރު ސްކޫލްތަކުގައި 12،662 ޓީޗަރުން މަސައްކަތް ކުރާނެ ކަމަށާއި އޭގެ ދިވެހި ޓީޗަރުންގެ އަދަދަކީ 10،729 ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،933 ކަމަށެވެ.
މި ދިރާސީ އަހަރުގައި ސަރުކާރުގެ 162 ސްކޫލެއް އެއް ދަންފަޅިއަކަށް ކިޔަވައިދޭނެ ކަމަށާއި 52 ސްކޫލެއް ދެ ދަންފަޅިއަކަށް ކިޔަވައިދޭނެ ކަމަށެވެ. ހަ ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސެޓެލައިޓްކޮށް ކިޔަވައިދޭނެ ސްކޫލްތަކަކީ ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލް ކަމަށް މިނިސްޓްރީން ބުންޏެވެ.