ޚަބަރު

އާ މަޖިލީހަށް ހޮވުނު އެންމެ ޒުވާން މެމްބަރު، އަލްސަން ވެސް ޕީއެންސީއަށް

މުހައްމަދު އިޝާން

ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އަލްސަން އަހުމަދު ޕީއެންސީ އަށް މިއަދު ސޮއި ކުރައްވައިފިއެވެ.

އަލްސަން އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު އެންމެ ޒުވާން މެންބަރެވެ. އުމުރުން 27 އަހަރުގެ އަލްސަން ޕީއެންސީއާ ގުޅިވަޑައިގަތީ މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާ ޕީއެންސީއަށް ސޮއިކުރި ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އަލްސަން މިއަދު ޕީއެންސީއާ ގުޅިވަޑައިގަތުމުން އާ މަޖިލީހުގައި ތިއްބަވާނެ ޕީއެންސީ މެންބަރުންގެ އަދަދު މިހާރު 75 އަށް އަރާނެއެވެ.

އޭގެ އިތުރުން ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގައި ތިއްބެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސް އާއެކު ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު މިހާރު 79 އަށް އަރައެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ.