ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާންގެ ބޯޓެއް އަތުލައިގަނެފިއެވެ.
ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އީރާންގެ ބޯޓެއް އަތުލައިގެފައިވާ ކަމަށާއި މި ބޯޓަކީ މި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ޓްރެފިކް ކުރާ ބޯޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމުގައެވެ.
މިހާރު މި ބޯޓު މާލޭ ސަރަހައްދަށް ގެނެސް ބަލައި ފާސްކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް މިބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި މި މައްސަލާގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކޯސްޓުގާޑުން މިބޯޓު ހުއްޓުވައި ހިފަހައްޓާފައިވަނީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.