ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން "އެންމެން މޫދަށް"ގެ ނަމުގައި ޕްރޮގުރާމުތަކެއް ކުރިއަށް ގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް މޫދުގެ ހަރަކާތްތަކެއް ހިންގުމަށް ރަށު ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހަރަކާތަކުގެ ތެރެއިން "އެންމެން މޫދަށް" ގެ ނަމުގައި ރަށްރަށުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ޖޫން މަހުގެ އަށް ވަނަ ދުވަހު ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ދުވަހުގެ މޫސުން ގޯސް ނަމަ ސަލާމަތާއި ރައްކާތެރިކަމަށް މޫދުތެރޭގައި ކުޑަކުދިން ބައިވެރިކޮށްގެން ކުރިއަށްގެންދާ ހަރަކާތައް ކުރިއަކަށް ނުގެންދާނެއެވެ.
ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އުމުރުން ހަތް އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުންވެސް ހިމެނެއެވެ. އެ މުބާރާތް މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، ކުރެހުންތައް އޮންލައިންކޮށް އަދި ފިޝަރީޒް މިނިސްޓްރީއަށްވެސް ހުށަހެޅޭނެއެވެ. މުބާރާތުގެ ވަނަތައް އިއުލާން ކުރާނީ ކަނޑުތަކުގެ ދުވަހުއެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހާ ގުޅޭ ހާއްސަ މައުލޫމާތު ސެޝަނަކާއި ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުއިޒް މުބާރާތެއްވެސް ބާއްވަން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އޯޝަން ޑޭގެ ފެސްޓިވަލުގެ މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިނާނު ވިދާޅުވީ "ކަނޑުރޯދި އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދިންގެ ހަވީރަކާއި ޑައިވް ހަރަކާތަކާއި މާލެ ސަރަހައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސް ރޭހެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.