ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ރެކޯޑު އަދަދަކަށް ގޯލު ޖަހާފައިވާ ލެޖެންޑަރީ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ޕޯޗުގަލްއިން ކުރިއަށް އޮތް ޔޫރޯ 2024 އަށް ސްކޮޑު އިއުލާނު ކޮށްފިއެވެ.
މިއަހަރުގެ ޔޫރޯ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާ އިރު، އުމުރުން 39 އަހަރުގެ ފޯވަޑް ތައްޔާރުވަމުންދަނީ ގައުމީ ޓީމާއެކު 11 ވަނަ މުބާރާތަށެވެ. ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުންދާ ރޮނާލްޑޯ، މިހާތަނަށް ޕޯޗުގަލް ގައުމީ ޓީމަށް 206 މެޗުން 128 ގޯލު ޖަހައިދީފައިވެއެވެ.
ސްކޮޑު އިއުލާނުކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ "ރޮނާލްޑޯއަކީ އަދިވެސް ބޭނުންވާ ކޮލިޓީގެ ކުޅުންތެރިއެއް ކަމަށާއި ޕޯޗުގަލްއަށް އަދިވެސް ރޮނާލްޑޯ ބޭނުންވާ" ކަމަށެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ ޔޫރޯއެއް ކުޅެފައި ވަނީ ޔޫރޯ 2004 ވަނަ އަހަރުއެވެ. އެފަހަރު އަމިއްލަ ގައުމުގައި ޕޯޗުގަލް ވަނީ ފައިނަލަށް ގޮސްފައެވެ. ފައިނަލުން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވީ ގްރީސް ކައިރިންނެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ، ގައުމީ ޓީމާއެކު ހޯދި އެންމެ ބޮޑު ކާމިޔާބީވެސް ހޯދީ ޔޫރޯގައެވެ. ޔޫރޯ 2016 ޕޯޗުގަލްއަށް ކާމިޔާބުކުރުމުގައި ރޮނާލްޑޯ ބޮޑު ރޯލެއް ކުޅެފައިވާ އިރު، އޭގެ ފަހުން ނޭޝަންސް ލީގުވެސް ރޮނާލްޑޯ ވަނީ ޕޯޗުގަލްއާއެކު ކާމިޔާބު ކޮށްފައެވެ.