ޚަބަރު

ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް 8 އަތޮޅަކަށް އޮރެންޖް އެލާޓް ނެރެފި

ބ. އަތޮޅުން މ. އަތޮޅަށް މޫސުން ގޯސްވެ، އޮރެންޖް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހަވީރު 5:30 އިން މިރޭގެ 8:30 އާ ހަމައަށް ނެރެފައިވާ އެލާޓުގައި ބުނެފައިވަނީ ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ.

ރާއްޖޭގެ އަށް އަތޮޅަކަށް މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފައިވާއިރު، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހުސް އުތުރާއި މެދުރާއްޖެތެރެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.