އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ނެގި 33 ކުޅުންތެރިންގެ ވަގުތީ ޔޫރޯ ސްކޮޑުން މާކަސް ރަޝްފޯޑާއި ޖޯޑަން ހެންޑަސަން އަދި ޖޭޑަން ސަންޗޯވެސް ބާކީ ކޮށްފިއެވެ.
އިންގްލެންޑުން ޔޫރޯ 2024 އަށް ނަގައި ފައިނަލް ސްކޮޑުގެ ކުރިން، މިއަދު 33 ކުޅުންތެރިންގެ ވަގުތީ ސްކޮޑެއް ވަނީ އިއުލާނު ކޮށްފިއެވެ. ސައުތުގޭޓް މިއަދު އިއުލާނުކުރި ސްކޮޑް ޔޫރޯއަށް، 26 ކުޅުންތެރިންނަށް ކުޑަ ކުރާނެއެވެ. އިންގްލެންޑް ސްކޮޑުގެ ތަމްރީނުތައް ފަށާނި މިމަހުގެ 29 ވަނަ ދުވަހުއެވެ. އެޓީމުން ޔޫރޯގެ ކުރިން ބޮސްނިއާ އަދި އައިސްލޭންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ކުޅޭނެއެވެ.
ޔޫރޯގެ ސްކޮޑުތައް ޖޫން ހަތްވަނަ ދުވަހުގެ ރޭ 12:00 އިން ހުށަހަޅަން ޖެހޭ އިރު، އިންގްލެންޑުން އައިސްލޭންޑާ ދެކޮޅަށް ކުޅޭނީ އެ ދުވަހުއެވެ. އެހެންކަމުން ސައުތުގޭޓް ފައިނަލް ސްކޮޑު އިއުލާނުކުރާނީ ދެމެޗަށްފަހު ކަމަށް ބެލެވެއެވެ.
އިންގްލެންޑް ސްކޮޑުން ބާކީވި ރަޝްފޯޑު، މި ސީޒަނުގެ މިހާތަނަށް އިންގްލެންޑަށް ހަތް މެޗެއް ކުޅެފައިވެއެވެ. އެހެންނަމަވެސް މާޗް މަހު ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހިމަނާފައެއް ނުވެއެވެ. ރަޝްފޯޑުގެ ކްލަބު ފޯމު، މި ސީޒަނުގައި ޔުނައިޓެޑަށް ދަށްކޮށް ފެނިފައިވާ އިރު، އޭނާ ކުޅުނު 33 މެޗުގައި ޖެހިނީ އެންމެ ހަތް ގޯލެވެ.
އަޔެކްސްއަށް ކުޅެމުންދާ ހެންޑަސަންވެސް މިފަހަރު ސްކޮޑަށް ނުނަގާއިރު، ރަނގަޅު ފޯމެއްގައި ޑޯޓްމަންޑަށް ކުޅުނު ސަންޗޯއަށް ސައުތުގޭޓް ފުރުސަތެއް ނުދެއެވެ. ސަންޗޯ، ޑޯޓްމަންޑް ޗެމްޕިއަންސް ލީގު ފައިނަލަށް ގެންދިޔުމުގައި މުހިއްމު ރޯލެއް އަދާކުރިއެވެ. އޭގެ އިތުރުން ރަހީމް ސްޓާލިންނާއި، އާސެނަލްގެ ބެން ވައިޓް، ޗެލްސީގެ ބެން ޗިލްވެލްއާއި ރީސް ޖޭމްސް އަދި ލެވި ކޮލްވިލްއަށްވެސް ސައުތުގޭޓް ސްކޮޑުން ފުރުސަތެއް ނުދެއެވެ.
އިންގްލެންޑް ސްކޮޑުގައި މިވަގުތަށް ހިމެނުނު ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ކޯލް ޕާމާއާއި، ކޯނޯ ގަލެގާ، ވެސްޓް ހަމްގެ ޖެރޮޑް ބޮވެން، ބާންލީ ކީޕަރު ޖޭމްސް ޓްރަފޯޑު، މެންޗެސްޓާ ސިޓީގެ ވިންގްސް ޖެކް ގްރީލިޝް، އާސެނަލް ބުކަޔޯ ސަކާއާއި ކެޕްޓަން ހެރީ ކޭންގެ އިތުރުން ބްރެންޓްފޯޑުގެ ފޯވަޑް އިވާން ޓޮނޭ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކޯބީ މައިނޫއާއި ލޫކް ޝޯ ވެސް ހިމެނިފައިވެއެވެ. އޭގެ އިތުރުން ޖަރަޑް ބްރެންތުވެއިޓް، ކާޓަސް ޖޯންސް، ޖަރެލް ގުއަންސާ އަދި އެޑަމް ވާޓޮންއަށްވެސް ޓްރެއިނުން ސްކޮޑުން ފުރުސަތު ދީފައިވެއެވެ.