މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަލުން އިންގްލެންޑް ސްކޮޑަށް ނަގަން ޖެހޭ ކަމަށް ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
އުމުރުން 31 އަހަރުގެ މެގުއާ ވަނީ މީގެ ކުރިން 64 މެޗު ގައުމީ ޓީމަށް ކުޅެފައެވެ. މެގުއާ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން ގޮސް، އޭނާއަށް ސްކޮޑުން ފުރުސަތު ގެއްލުނީ ޔޫރޯ 2024 އާ ދިމާކޮށެވެ. މެގުއާއަށް ފާޑުކިޔުން އަމާޒުވެ، ސަޕޯޓަރުންގެ ނުރުހުންވެސް އަމާޒުވެފައިވާ އިރު، އޭނާ އެ ފޯމު އަނބުރާލުމަށް މިހާރު ދަނީ އަނެއްކާވެސް މަސައްކަތް ކުރަމުންނެވެ.
ޔުނައިޓެޑްގައިވެސް، އެ ކްލަބާ ކުރިން ހަވާލުވެ ހުރި ކޯޗު އެރިކް ޓެން ހާގާއި މެގުއާއާ ދެމެދު މައްސަލަތަކެއް ޖެހި، އޭނާ އަތުން ކެޕްޓަން ބޭންޑްވެސް އަތުލާފައިވެއެވެ.
އަމޯރިމް ބުނީ މެގުއާގެ ތަފާތު މިހާރު ޓީމުން ފެންނަ ކަމަށާއި، މެގުއާގެ ލީޑާޝިޕަކީ އިންގްލެންޑަށްވެސް މުހިންމު ވާނެ އެއްޗެއް ކަމަށެވެ.
"އިންގްލެންޑް ކޯޗަށް ފުދޭވަރަށް މެގުއާ ކުޅެފި ކަމަށް ބެލެވެނީ. އަހަރެން ވަރަށް އުފާކުރާނަން މެގުއާއަށް އިންގްލެންޑުން އަލުން ފުރުސަތު ދީފިނަމަ. މެގުއާއަށް ހައްގު އެ ފުރުސަތު. މެގުއާއަކީ ވަރަށް ލީޑާޝިޕް ރަނގަޅު ކުޅުންތެެރިއެއް،" އަމޯރިމް ބުންޏެވެ.
އިންގްލެންޑްގެ ކޯޗު ގެރެތު ސައުތު ގޭޓް، ޔޫރޯއަށްފަހު މަގާމު ދޫކޮށްލާފައިވާ އިރު، މިހާރު އެޓީމުގެ ކޯޗަކީ ތޯމަސް ޓުޗެލްއެވެ. ޓުޗެލްއާއެކު އިންގްލެންޑުން ފުރަތަމަ މެޗުތަކަށް ތައްޔާރުވަމުންދާ އިރު، ވަރަށް އަވަހަށް ސްކޮޑު އިއުލާނުކުރާނެ ކަމަށް ބެލެވެއެވެ.