ޚަބަރު

ކޭޕާކުން ގަތް އެޕާޓްމެންޓް ނުދިނުމުން ލިބުނު ގެއްލުމަށް 1.9 މިލިއަން ދޭން ހުކުމްކޮށްފި

ކޭ-ޕާކް އިން ވިއްކި އެޕާޓްމަންޓްތަކުން ގަތް އެޕާޓްމަންޓް ނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދެއްކުމަށް ކޭ-ޕާކް ރެސިޑެންސްގެ ކޮންޓްރެކްޓަރު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ޖުމްހޫރޫ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ދަރިކަނބަލުން ހަދީޖާ ސަނާ އާއި ކޭ-ޕާކް ރެސިޑެންސްއާ ދެމެދު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ހަންބޯ ކުންފުނިން ދެކޮޅު ހަދާ ކަމަށާއި ކޭ-ޕާކް އިން އެޕާޓްމަންޓް ގަތުމަށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި އެޕާޓްމަންޓް ހަވާލުކޮށްފައި ނުވާތީ ދިރިއުޅުނު ތަނަށް ދެއްކި ކުލީގެ ފައިސާ ހިމެނޭ ގޮތަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޖުމުލަ 1.9 މިލިއަން ރުފިޔާ ހޯދަން ހަންބޯ ކުންފުންޏާ ދެކޮޅަށް ސަނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސަނާ ހުށަހެޅި މައްސަލައިގައި ކޭ-ޕާކް އެޕާޓްމަންޓް އެހެން ފަރާތަކަށް ދީ ވިއްކައި ނުވަތަ ބަދަލުކޮށް ހެދުމާއި ތިންވަނަ ފަރާތެއްގެ ހައްގު އެ އެޕާޓްމަންޓާ ގުޅިގެން އުފަންވާނޭ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ހަންބޯގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށާއި ތިންވަނަ ފަރާތެއްގެ ނަމަށް އެޕާޓްމަންޓް ބަދަލުނުކުރުމަށާއި ރަޖިސްޓްރީ ނުކުރަން އެދި ހަންބޯ ކުންފުނީގެ މައްޗަށާއި ކަމާބެހޭ ފަރާތްތަކަށް އަންގައި ވަގުތީ އަމުުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

އެ މައްސަލައިގައި ރައުޔު އިއްވަވަމުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވީ ސަނާއާއި ހަންބޯ ކުންފުންޏާ ދެމެދު ހެދިފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްކަން އެނގެން ނެތް ކަމަށާއި އަދި ހަންބޯ ކުންފުންޏަށް ތުހުމަތު ކުރެވޭ ކަންކަމެއް ހުރުމުން އެއްބަސްވުން ސައްހަ ކަމަށްވެސް ބެލެވެން ނެތް ކަމަށެވެ.

ނަމަވެސް ސަނާގެ ފަރާތުން އެދިފައިވަނީ އެއްބަސްވުމުގެ ސައްހަކަން ބެލުމަށް ނޫން ކަމަށާއި އެއީ އޮތް އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށްވާއިރު، ހަންބޯ ކުންފުންޏާއި ސަނާއާ ދެމެދު އެއްބަސްވުމެއް އޮތްކަން ސާފުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ އެ މައްސަލައިގައި ހުކުމުގައި ގާޒީ ވަނީ ސަނާ އެދުނު ގޮތަށް 1.9 މިލިއަން ރުފިޔާ އޭނާއަށް ދެއްކުމަށް ހަންބޯ ކުންފުނީގެ މައްޗަށް ހުކުމްކޮށްފަ އެވެ. ގާޒީ ހުކުމްކުރެއްވީ އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ސަނާއަށް ދައްކައި ހަލާސްކުރުމަށެވެ.

ނަމަވެސް ސަނާ އެދުނު ގޮތަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށާއި ހަންބޯ ކުންފުނީގެ މައްޗަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ގާޒީ ނިންމެވިއެވެ.