ރޯދަމަސް

ވަން ރެސިޕީ: މާކަށިކެޔޮ ކަނދި

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އެހެން ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.

އެގޮތުން ދިވެހިންގެ މެދުގައި މާކަށިކެޔޮ ކަންޖަކީ ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. މީރު އެއްޗެކެވެ. މީރުކޮށް ތައްޔާރުކޮށްލެވިއްޖެނަމަ ވަރަށް މީރުވާނެ އެވެ.

މާކަށިކެޔޮ ކަނދި ތައްޔާރުކުރާނެ ގޮތް:

ބޭނުންވާނެ ތަކެތި:

20 ވަށް މާކަށިކެޔޮ

1/2 ލާހި ބާސްމަތީ ހަނޑޫ

1 ލާހި ހަކުރު

3 ޖޯޑު ފެން

ކާށި ކިބައެއްގެ އޮލަކިރު

3 އިންޗި ހުންނަވަރުގެ ރާނބާފަތްކޮޅެއް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކަށިކެޔޮ ވަށްތައް ވަޅިއަކުން ވަށް ފޮށްޗަށް ކޮށާށެވެ. އެއަށްފަހު އުނދުންމައްޗަށް ފެންފޮދެއް އުދާފައި ފެންފޮދު ކެކިގަތުމުން ރާނބާފަތް ކޮޅާއި ކޮށާފައި ހުރި ކަށިކެޔޮ ކޮޅާއެކު ބާސްމަތީ ހަނޑޫކޮޅުވެސް ތެއްޔަށް އަޅައިގެން މަޑުވަންދެން ކަށްކާށެވެ. މަޑުވުމުން އުނދުޅިން ރަނގަޅަށް ޗަސްކުރާށެވެ. އެއަށްފަހު ތިން ޖޯޑު ފެން، ހަކުރު އަޅައިގެން އިރުކޮޅަކު ކެއްކުމަށްފަހު ފޮނި ރަހަ ހެޔޮވަރުކޮށްލާށެވެ. ދެން ކާށީގެ އޮލަ ކިރުކޮޅު އެޅުމަށްފަހު މަޑު ގިނީގައި ކައްކާލުމަށްފަހު ބާލާށެވެ. ކަނދި އޮލަކުރަން ބޭނުންނަމަ ދެ ސައި ސަމުސާ ގޮދަން ފުށް ފެންފޮދެއްގައި ގިރާލުމަށްފަހު ކަނދި ތެއްޔަށް އަޅާލާށެވެ. ކާށި ކިރު މާގިނައިން ނާޅާށެވެ. ކާށި ކިރު ގިނަވެއްޖެ ނަމަ ކަށިކޭލުގެ ރަހަ ކެނޑޭނެއެވެ.