ޚަބަރު

ހުޅުމާލެ ފޭސް ދޭއްގެ ހަޓުތައް ބަދަލުކުރަން ބިމެއް ދީފި

ފާތިމަތު ލިޔުޝާ

ހުޅުމާލެ ހިޔާ ފްލެޓްތައް ކައިރީ ހިންގާ ވިޔަފާރި ހަޓުތައް ބަދަލު ކުރުމަށް ވވަގުތީ ބިމެއް ހަމަޖައްސައިދީފިއެވެ.

އެޗްޑީސީގެ އެސިސްޓަންޓް މެނޭޖަރު އަދި ޕަބްލިކް ރިލޭޝަންސް މުހައްމަދު ސިރާޖު މިއަދު "ވަން" އަށް ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި ހިންގާ ހަޓުތަކާއި ހެދިކާ ޓެންޓުތައް ވަގުތީ ގޮތުން އެ ސަހަރައްދުގެ އުތުރަށް އޮންނަ ހުސް ބިމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިހާރު ހުރީ ވަގުތީ ހަޓުތަކެއް. އެހެންވީމަ އެތަން ތަރައްގީކުރަން މިކިޔަނީ އެތަން ރީތިކޮށްގެން ވިޔަފާރި ކުރެވޭނެ ފުރުސަތު ހުޅުވާލަން ނިންމާފައި އޮތީ. ކިއޮސްތަކެއް ބެހެއްޓޭ ގޮތަށް ތައްޔާރުކޮށްފައި، ގާ އަތުރާފައި ރީތިކޮށްފައި ކިއޮސްކް (ކުދި ވިޔަފާރި ތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައި ހުންނަ ކޮންސެޕްޓެއް) އެ މަސައްކަތް ކުރަންވެގެން އިއުލާނު ކުރީ،" ސިރާޖު ވިދާޅުވިއެވެ.

މި ވަގުތު އެ ސަރައްދުން ހަޓުތައް ނެގި ނަަމަވެސް އެސަހަރައްދި ތަރައްގީކޮށް ނިމުމުން، މަހު ފީއެއް ދައްކައިގެން ވިޔަފާރި އުސޫލުން އެތަންތަން ދިނުމަށް ހުޅުވާލާނެ ކަމަށެވެ. އަދި އެތަންތަނުގެ އަގާއި ތަނުގެ ބޮޑުމިނާއި އަދި ޑިޒައިންގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގެ ހިޔާ ޓަވަރު 12 ކައިރީ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތަކާއި ތަކެތި ނަގަން ފުރަތަމަ ފަހަރަށް އެންގީ 16 ނޮވެމްބަރު 2023 ގައެވެ.

އޭގެފަހުން އަނެއްކާވެސް މުއްދަތެއް ދިނުމަށްފަހު އެންމެ ފަހުން ބީޗް ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާތީ އެ ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ޖެހިގެން އޮތް ހުސް ސަރަހައްދަށް ބަދަލުކުރަން އެންގީ އިއްޔެއެވެ.

އަންނަ މަހުގެ އެކެއްގެ ކުރިން ޖެހިގެން އޮތް ބިމަށް ބަދަލުކުރުމަށް އެޗްޑީސީން ވަނީ ހަޓުތައް ހިންގާ މީހުންނަށް އަންގައިފައެވެ.