އިބްރާހިމް ޒަކީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްގެން އިންޑިއާ ބޯޓަކަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ސަރުކާރުން މާފުކޮށްދީފިއެވެ.
މި މައްސަލައަކީ ގާނޫނާއި ގަވާއިދާ ހިލާފަށް އިންޑިއާގެ އުޅަނދެއް ކަމަށްވާ "ހޮލީ ސްޕިރިޓް" އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ، އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ޖޫރިމަނާކޮށް، ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައުލަތަށް ލިބިދިނުމަށާއި "ހޮލީ ސްޕިރިޓް" ދައުލަތަށް ނެގުމަށް އަންގައި އަމުރުކޮށްދިނުމަށް އެދި ފިޝަރީސް މިނިސްޓްރީން ހުށެހަޅުމުން ސިވިލް ކޯޓުން ބެލި މައްސަލައެކެވެ.
މި މައްސަލައިގެ ނިންމުމުގައި ސިވިލް ކޯޓުން ބުނެފައި ވަނީ، އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 10 މާޗް 2024ގެ ސިޓީން މައާފު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް "ހޮލީ ސްޕިރިޓް" 17 މާޗް 2024 ވަނަ ދުވަހު ރާއްޖެއިން ފުރުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ބޭނުން ކަމަށް ފިޝަރީޒް މިނިސްޓްރީން 7 މެއި 2024 ގައި ފޮނުވި ސިޓީން އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ފިޝަރީޒް މިނިސްޓްރީން އިންޑިއާގެ އެންތަނީ ޖަޔަބަލަންގެ މައްޗަށް ހުށަހެޅި މައްސަލައިގެ ދައުވާފޯމް ބާތިލް ކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެެވެ.